އަލުން ގައުމީ ޓީމަށް، ރިޒޭ ދެއްކީ ތަފާތު ހިތްވަރެއް
އަލުން ގައުމީ ޓީމަށް، ރިޒޭ ދެއްކީ ތަފާތު ހިތްވަރެއް

ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް އޭރު އޮތް ޓީމުގެ ކުޅުންތެރިންނަށް ވި އެއް ވައުދަކީ ތަށި ހޯދި ޓީމުގެ ކުޅުންތެރިންނަށް ފުރުސަތުދޭނެ ކަމަށެވެ. އެކަމަކު އެ މުބާރާތް ކާމިޔާބުކުރިތާ މަހެއް ނުވަނީސް ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަށް ސެގާޓް އަލަށް ނެގި ހަމައެކަނި ކުޅުންތެރިޔަކީ އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

އަލުން ގައުމީ ޓީމަށް، ރިޒޭ ދެއްކީ ތަފާތު ހިތްވަރެއް
އަލުން ގައުމީ ޓީމަށް، ރިޒޭ ދެއްކީ ތަފާތު ހިތްވަރެއް

ގައުމީ ޓީމުގެ ކޯޗަކަށް ކުރިން ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ކޯޗުކަމުގައި ރިޒޭ އަށް ރަނގަޅު މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ލިބުނެވެ. ސްޓެވާޓްގެ ކޯޗުކަމުގައި ރާއްޖެ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ރިޒޭ ފުރަތަމަ އެގާރައިގައި ކުޅުނެވެ. އެއީ މާލޭގައި އޮމާނާ ދެކޮޅަށާއި ރަށުންބޭރުގައި ފަލަސްތީނާ ދެކޮޅަށެވެ. ދެ މެޗުގައި ވެސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މި އަހަރު މާޗް މަހު ގައުމީ ކޯޗުކަމަށް ސެގާޓް އައިސް ރިޒޭ އަށް ފުރުސަތު ނުދެ އެވެ. އޭރު ފުރުސަތު ނެތަސް ރިޒޭ ހުރީ ރަނގަޅު ރޫހެއްގަ އެވެ. އޭނާ އޭރު ބުނީ "މަސައްކަތްކޮށް އަލުން ޓީމުން ޖާގަ ހޯދާނެ" ކަމަށެވެ.

ރިޒޭ ވަނީ މި ފަހަރުގެ ދިރާގު ދިވެހި ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ. ރިޒޭގެ ހެޓްރިކްގެ ސިލްސިލާ އަށް ނިމުމެއް އައީ އީގަލްސް އިން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް ކޮޅަށް ހަތަރު ލަނޑު ޖަހައި ރިޒޭ މި ވަނީ ހަތް މެޗުން 20 ގޯލު ޖަހައިފަ އެވެ. މުޅި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް 27 ލަނޑު ޖަހައިފަ އެވެ. ރިޒޭ އަށް އަލުން ގައުމީ ޓީމުން ފުރުސަތު މި ލިބުނީ އަހަރެއްހާ ދުވަސް ފަހުންނެވެ.

މާދަމާ މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސެގާޓް ބުނީ ރިޒޭ ނުނަގާވާނެ ގޮތެއް ނެތް ކަމަށާއި އޭނާގެ ލަނޑު ޖެހުމުގެ ހުނަރު ހުރީ ތަފާތު ލެވެލެއް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިއަކު އެ ފަދަ ރޫހެއްގައި ހުއްޓައި ބާކީ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުންޏެވެ.

ކ. ދިއްފުއްޓަށް އުފަން އުމުރުން 23 އަހަރުގެ ރިޒޭ "މިހާރަ"ށް ބުނީ އޭނާ ޓީމަށް އަރަން ކުރި މަސައްކަތް ކާމިޔާބުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"ޓީމުގައި ނެތިގެން އެއްވެސް އިރަކު އެހާ ބޮޑަށް މާޔޫސްނުވަން. ބެލީ ވަރަށް މޮޅަށް ކުޅެެގެން ވިޔަސް އަލުން ޓީމަށް އަރަން. އަސްލު ބެލީ ޓީމަށް ނުނަގާ ނުވާވަރުގެ ކުޅުމެއް ދެއްކޭތޯ ބަލަން. އިރާދަކުރެއްވިއްޔާ މިހާރު މިހުރީ ޓީމުގައި. ދެން އޮތީ މަގާމު ދަމަހައްޓަން މަސައްކަތްކުރުން،" ރާއްޖޭގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި ރިޒޭ ބުންޏެވެ.

މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި މި ވަގުތު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ގިނަ ކުޅުންތެރިން ނުހިމެނޭތީ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމަށްވާ ޓީސީގެ ޑިފެންޑަރު މުހައްމަދު ސާމިރުއާ ބެހޭގޮތުން ސެގާޓް ބުނީ އޭނާ ކުރިއަށް އޮތްތަނުގައި ޓީމުން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ވަގުތު ޓީމުން ސާމިރަށް ޖާގަ ގެއްލުނީ 30 ކުޅުންތެރިން ނެގުމަށް ފަހު ސްކޮޑު ފައިނަލް ކުރި ވަގުތުގައި ކަމަށެވެ.

މެލޭޝިއާއާ ދެކޮޅަށް މާދަމާ ރާއްޖެ ކުޅޭ މެޗު ފަށާނީ މާލެ ގަޑިން ހަވީރު 5:45 ގަ އެވެ.