ހާލަތު އޮތީ މެލޭޝިއާ ކޮޅަށް، ރާއްޖޭން ހިތްވަރުކުރި: ކޯޗު
ހާލަތު އޮތީ މެލޭޝިއާ ކޮޅަށް، ރާއްޖޭން ހިތްވަރުކުރި: ކޯޗު

އެކުވެރިކަމުގެ މެޗެއްގައި ރޭ މެލޭޝިއާ އިން ރާއްޖެ އަތުން 3-0 އިން މޮޅުވިއިރު، ހާލަތު އޮތްގޮތުން އެޑްވާންޓޭޖް ބޮޑުކޮށް އޮތީ ވެސް މެލޭޝިއާ އަށް ކަމަށާއި އެކަމަކު ރާއްޖޭގެ ކުޅުންތެރިން ހިތްވަރުކުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.

މި މެޗަށް ރާއްޖޭން ނުކުތީ އެންމެ ޕްރެކްޓިހަކާ އެކު އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ދެ ޓީމު މެޗަށް ތައްޔާރުވި ހާލަތުގެ ފަރަގެވެ.

"އަހަރެން މެލޭޝިއާ އަށް މަރުހަބާ ކިޔަން. މެލޭޝިއާ އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އަނެއްކޮޅުން މިއީ އެ މީހުން މުބާރާތެއްގެ ކުރިން ކުޅުނު މެޗެއް. އަހަރެމެން މިއައީ އެންމެ ޕްރެކްޓިހަކަށް ފަހު. އިތުރަށް އެއް ޕްރެކްޓިސް ލިބުނު ނަމަވެސް ތަފާތެއް ދެއްކުނީސް. އެކަަމަކު ހާލަތު ގަބޫލުކުރަން ޖެހޭ. ކިހިނެއް އެނގެނީ ރަނގަޅަށް ތައްޔާރުވެގެން އައި ނަމަ އަހަރެމެންނަށް މޮޅުނުވެވޭނެ ކަމެއް،" ސެގާޓް ބުންޏެވެ.

މިއީ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ފަހުން ރާއްޖެ ކުޅުނު ފުރަތަމަ މެޗެވެ.

"މީގެ ހަ ހަފްތާ ކުރިން މި މެޗު ކުޅުނުނަމަ ޔަގީނުން ވެސް މިިއެއް ނޫން ނުކުންނާނެ ނަތީޖާ އަކީ. އެއީ އޭރު އަހަރެމެން އައީ ގަވާއިދުން ޕްރެކްޓިސް ކުރަމުން، އޭރުގެ ހާލަތުގައިނަމަ މިއީ މޮޅުވެސް ވެވޭނެ މެޗެއް،" ސެގާޓް ބުންޏެވެ.

މި މެޗުގައި މެލޭޝިއާ ލީޑުގައި އޮއްވައި ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. ސެގާޓް ބުނީ އެއީ މެޗުގެ ނަތީޖާ އަށް ވަރަށް ބޮޑަށް އަސަރުކުރި ނިންމުމެއް ކަމަށެވެ.

"ނަސީބު ވެސް އަހަރެމެންނަށް އެހީނުވީ. އެއީ ފުރަތަމަ ހާފުގައި ބުނެވިދާނެ ފެނުނު އެކުވެރިކަމުގެ މެޗެއްގައި ނުފެންނަ ފަދަ ކަންތައްތަކެއް. ދެން މެލޭޝިއާ ރެފްރީއެއް ހުރީ ވެސް. އަހަރެމެންނަށް ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ލިބެންޖެހޭ، އެ ނިންމުން އަހަރެމެން ކޮޅަށް އައިނަމަ މި މެޗުގެ ހާލަތު ބަދަލުވެގެންދާނެ،" ސެގާޓް ބުންޏެވެ.

މި މެޗަށް ނުކުތްއިރު ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ޒުވާން ކީޕަރު ހުސެއިން ޝަރީފް އެެވެ. މިއީ ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ މެޗެވެ. ސެގާޓް ބުނީ ދެ ވަނަ ލަނޑުގައި ހުސެއިންގެ މިސްޓޭކެއް ނަމަވެސް މެޗުގައި ޓީމު ބޭއްވުމަށް އޭނާ މުހިއްމު ބޯޅަތަކެއް ހުއްޓުވި ކަމަށެވެ.

މެލޭޝިއާ އަކީ ފުޓްބޯޅައިގެ ވަރަށް ރަނގަޅު ވަސީލަތްތަކެއް ހުރި ގައުމެއް ކަމަށާއި ރޭގެ މެޗު ކުޅުނު ދަނޑުގައި ކުޅެލަން ލިބުމުން ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް އެއީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ސެގާޓް ދެކެ އެވެ.

ސާފް ތަށި ކާމިޔާބު ކުރިއިރު ސެގާޓްގެ އެހީތެރިންގެ ގޮތުގައި ހުރި އެސިސްޓަންޓް ކޯޗު ބެލްޖިއަމްގެ ގެލާ ޝެކިލާޒޭ އާއި ޓްރެއިނަރު މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރުގެ އެއްބަސްވުން ދާއިމީ ނުކުރަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. ސެގާޓް ބުނީ އެ ނިންމުމަކީ މުސްތަގުބަލަށްޓަކައި އެފްއޭއެމުން ނިންމި ނިންމުމެއް ކަމަށެވެ.

"ގެލާ އާއި ކްރުނިޗް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ދިޔައީ. އެ މީހުންގެ އެއްބަސްވުން އާ ނުކުރީ ދިވެހި ކޯޗުންގެ ޒިންމާ ބޮޑުކުރަން އެފްއޭއެމްގެ މަޝްވަރާގެ މަތިން. މި ޓިމުގައި އެބަހުރި ވަރަށް ރަނގަޅު ދިވެހި ކޯޗެއް ޝާކިރު،" ސެގާޓް ބުންޏެވެ.

ރާއްޖެ އަކީ ފުޓްބޯޅައިގެ ހުނަރު ވަރަށް ބޮޑަށް އޮތް ގައުމެއް ކަމަށާއި ޒުވާން އުމުރުގައި ގިނަ ކުޅުންތެރިންތަކެއް ރަނގަޅު ކޯޗިންއާ އެކު ތަމްރީން ކޮށްގެން ފުޓްބޯޅައިގައި ގިނަ ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައި ގިނަ މެޗުތަކެއް ކުޅޭނެ ކަމަށާއި އެކަމަކު ކުޅޭނީ ރަނގަޅަށް ތައްޔާރުވެގެން ނުކުމެވޭ ފަދަ ހާލަތްތަކުގައި ކަމަށާއި އެއީ މި ޓީމަށް ކުރިއެރުން ލިބޭނީ ގިނަ މެޗުތަކެއް ކުޅެ ތަޖުރިބާ ހޯދާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.