04 ނޮވެމްބަރ 2018 - 09:45

ޓިއުރިން (ނޮވެމްބަރު 4) - އިޓާލިއަން ލީގުގައި ރޭ އެއް ވަނައިގައި އޮތް ޔުވެންޓަސް ކުޅުނު މެޗުން 3-1 އިން ކަލިއާރީ ބަލިކޮށް ލީޑު ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި 5-0 އިން ޖެނޯއާ އަތުން ހޯދި ބޮޑު މޮޅާ އެކު އިންޓަ މިލާން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ޔުވެންޓަސް އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. އިންޓަ އަލުން ދެ ވަނަ އަށް އެރީ 11 މެޗުން 25 ޕޮއިންޓް ހަމަކޮށްގެންނެވެ. ހުކުރު ދުވަހުގެރޭ ނަޕޯލީ ކުޅުނު މެޗުން 5-1 އިން އެމްޕޮލީ ބަލިކުރިއިރު، އެ ޓީމަށް ވެސް ވަނީ 11 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސްގެ މެޗު ފަށައިގެން 44 ވަނަ ސިކުންތު ތެރޭ އެ ޓީމަށް ލީޑުނަގައިދިނީ ޕައޮލޯ ޑިބާލާ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ޔައޯ ޕެޑްރޯ ވަނީ ކަލިއަރީ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ކަލިއަރީގެ ފިލިޕް ބްރަޑާރިޗް އަތުން ބައިކޮޅަށް ވަން ގޯލަކުން ޔުވެންޓަސް އިން އަލުން ލީޑުނެގި އެވެ.
ދެ ވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖެހީ ހުއާން ކުއަޑްރާޑޯ އެވެ. މި މެޗުގައި ރޮނާލްޑޯގެ ލަނޑެއް ނުފެނުނު ނަމަވެސް އޭނާ ދެއްކި ކުޅުމަށް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ވަނީ ތައުރީފްކޮށްފަ އެވެ.
"ރޮނާލްޑޯ އަކީ ލީޑަރެއް. ހަމައެކަނި ލަނޑުޖެހުމަކީ އެއް ނޫން އޭނަގެ ކޮލިޓީ އަކީ. އޭނާ އަކީ ޓީމުގެ ރޫހު ރަނގަޅުކުރަން ވެސް ތަފާތު ކުޅުންތެރިއެއް. މުހިއްމު ވަގުތުގައި ތަފާތު ދެއްކުން އެއީ ރޮނާލްޑޯގެ ހާއްސަ ކަމެއް." ރޭގެ މެޗަށް ފަހު އަލެގްރީ ބުންޏެވެ.
އިންޓަގެ ފަސް ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ރޮބާޓޯ ގަލިއާޑީނީ އެވެ. އަނެއް ގޯލުތައް ކާމިޔާބުކުރީ މަޓެއޯ ޕޮލިޓާނޯ އާއި ޔާއޯ މާރިއޯ އަދި ރަޖާ ނައިންގޯލާން އެވެ.
ރޭ ރޯމާ ކުޅުނު މެޗުން ވަނީ 1-1 އިން ފިއޮރެންޓީނާއާ އެއްވަރުކޮށްފަ އެވެ. ޖޯޑަން ވެރެޓޫޓްގެ ޕެނަލްޓީން ފިއޮރެންޓީނާ ލީޑުނަގާފައިވަނިކޮށް ރޯމާ އަށް އެއްވަރުކޮށްދިނީ އަލެސަންދްރޯ ފްލޮރެންޒީ އެވެ.