ސޯޓެއްގައި ޝޯ ހުށަހަޅައި ލިނެކާ ވައުދު ފުއްދައިފި
ސޯޓެއްގައި ޝޯ ހުށަހަޅައި ލިނެކާ ވައުދު ފުއްދައިފި

ލަންޑަން (އޮގަސްޓް 14) - މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ލެސްޓާ ސިޓީ ކާމިޔާބުކޮށްފި ނަމަ، މި ސީޒަނުގެ ބީބީސީގެ ފުރަތަމަ "މެޗް އޮފް ދަ ޑޭ" ޕްރޮގްރަމަށް އަރާނީ، ޖަނގިޔަލެއްގައި ކަމަށް ބުނެ ވީ ވައުދު އިނގިރޭސި ކުރީގެ ފޯވާޑް ގެރީ ލިނެކާ ފުއްދައިފި އެވެ.

ސޯޓެއްގައި ޝޯ ހުށަހަޅައި ލިނެކާ ވައުދު ފުއްދައިފި
ސޯޓެއްގައި ޝޯ ހުށަހަޅައި ލިނެކާ ވައުދު ފުއްދައިފި

ލެސްޓާ އިން ކެރިއަރު ފެށައި އެ ކްލަބަށް 194 މެޗުން 95 ގޯލް ޖަހައިދިން ލިނެކާ ރޭގެ ޕްރޮގްރާމަށް އައިއިރު ލައިގެން ހުރީ ހުދުކުލައިގެ ކުރު ސޯޓެކެވެ. އެއީ ޖަނގިޔަލެއް ނޫން ކަމަށާއި ލިނެކާ މަކަރު ހަދާފައިވާ ކަމަށް ބުނެ އެއް ބަޔަކު ސޯޝަލް މީޑިއާގައި ސަމާސާކުރި އެވެ.

އާދައިގެ ސްކޮޑެއް އޮތް ލެސްޓާ އިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފާނެ ކަމަށް ސީޒަން ފެށުމުގެ ކުރިން ލަފާކުރީ ކޮންމެ 1000 މީހަކުން އެކަކެވެ. އެ ޓީމުން ޑިސެމްބަރު މަހު ލީގުގެ އެއް ވަނަ އަށް އެރި ނަމަވެސް، އެ މަގާމުގައި ހިފެހެއްޓިދާނެ ކަމަށް ގިނަ ބަޔަކު ހިޔެއް ނުކުރެ އެވެ.

"ޑިސެމްބަރު މަހު އަހަރެން މި ހެއްވާ ބެޓްކުރިއިރު، އަހަރެންނަށް ޔަގީންވެފައި އޮތީ ލެސްޓާ އަށް ލީގު ނެގުމުގެ އޮތީ ސުން ޕަސެންޓް ފުރުސަތެއް ކަމަށް. އެކަމަކު އެކަންވެއްޖެ. ވަރަށް އުފާވެރި ކާމިޔާބެއް އެއީ،" ލިނެކާ ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގައި ހަލް ސިޓީ އަތުން 2-1 އިން ލެސްޓާ ބަލިވި މެޗުގެ ޕްރޮގްރާމް، ލިނެކާ ހުށަހެޅިއިރު، ދެ އެނަލިސްޓުން ކަމަށްވާ އެލަން ޝިއެރާ އާއި އިއާން ރައިޓް ތިބީ މަޖާވެފަ އެވެ. ދެ ވަނަ މެޗާ ހަމަޔަށް ދިއުމުން ލިނެކާ ވަނީ ދެން ނުވާނެ ކަމަށް ބުނެ ހެދުން އަޅައިފަ އެވެ. އެގޮތުން ސަންޑަލެންޑާއި މެންޗެސްޓާ ސިޓީގެ މެޗު އޭނާ ހުށަހެޅީ ގަމީހަކާއި ފަޓުލޫނެއް ލައިގެން ހުރެ އެވެ.

ބާސެލޯނާ އަށް ކުޅެފައިވާ ލިނެކާ އަކީ އިންގްލެންޑުގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑެވެ. އޭނާ ވަނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ މަގާމް އިންގްލެންޑް ހޯދިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.