އުމުރުން 20 އަހަރު ހަގުވާން ކޯޓަށް
އުމުރުން 20 އަހަރު ހަގުވާން ކޯޓަށް

އެމެލް ރެޓެލްބޭންޑް އަކީ "ކާސް 2" ގެ ޑަޗް ވާޝަންގައި ލަޑިމިއާ ޓްރަންކޯވްގެ ކެރެކްޓާ އަށް އަޑު އަޅައިދިން މީހާ އެވެ. ނެދެލެންޑްސްގެ މި މީހާގެ ވާހަކަ މި ދުވަސްކޮޅު މީޑިއާތަކުގައި މާ ގަދައަށް ދެކެވެނީ އެއްގޮތަކަށް ވެސް އޭނާ އާ ކެރެކްޓާއަކަށް އަޑު އަޅައި ދީގެނެއް ނޫނެވެ. "ޒުވާން ކަމަށް" ދައުވާ ކުރާތީ އެވެ.

އުމުރުން 20 އަހަރު ހަގުވާން ކޯޓަށް
އުމުރުން 20 އަހަރު ހަގުވާން ކޯޓަށް

ކުރީގެ ކައިވެންޏަކަށް ބޮޑު ފިރިހެން ދަރިއަކު ވެސް ހުރި ރެޓެލްބޭންޑްގެ އުފަން ދުވަހުގެ ލިޔެކިޔުންތައް ދައްކާ ގޮތުން އޭނާގެ މިހާރުގެ އުމުރަކީ 69 އެވެ. އެކަމަކު ރެޓެލްބޭންޑް ބުނަނީ އޭނާގެ ސިފަ އާއި ހުރި ތާޒާކަމަށް ބަލައިފައި އެއީ "މުސްކުޅިއެއް" ކަމަަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށެވެ.

އެހެންވެ ހިތާއި ޖިސްމު ވެސް "ޒުވާން" ކަމަށް ގަބޫލު ކުރާތީ ރެޓްލްބޭންޑް ބޭނުން ވަނީ އޭނާގެ އުމުރުން 20 އަހަރު ކަނޑާލައި، މިހާރުގެ އުމުރަކީ 49 އަށް އަށް ހަދާށެވެ. ރެޓްލްބޭންޑްގެ ޑޮކްޓަރު ވެސް ވިދާޅުވަނީ އޭނާގެ ބައޮލޮޖިކަލް އުމުރަކީ 40-45 އާ ދޭތެރޭ ކަމަށެވެ.

އެހެންވެ ރެޓްލްބޭންޑް ވަނީ އޭނާގެ އަސްލު އުމުރަކީ 49 ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު ރިޕޯޓްތައް ބުނަނީ ނެދަލެންޑްސްގައި އުމުރު ބަދަލު ކުރެވޭނެ ގާނޫނީ މެކޭނިޒަމެއް ނެތް ކަމަށެވެ.

"މާ ކުރިން ފެށިގެން މީހާގެ ނަން ވެސް ބަދަލު ކުރެވޭ. އަނެއްކާ މި ޒަމާނަކީ މީހުންގެ ޖިންސް ވެސް ބަދަލު ކުރެވޭ ޒަމާނެއް. އެހެންވީމާ އަހަރެން ބޭނުންވާ ނަންބަރަކަށް އަހަރެންގެ އުމުރު ވެސް ބަދަލު ކުރެވެން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ،" މޯޓިވޭޝަނަލް ގްރޫއެއްގެ ގޮތުގައި މަސައްކަތް ކުރާ ރެޓެލްބޭންޑް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރު ބަދަލު ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ނެތް އެއީ މައްސަލައެކެވެ.

"ޒަމާނަށް އަންނަ ބަދަލުތަކާއި މީހުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ގާނޫނުތައް މުރާޖައާ ވެސް ކުރެވެން ވާނެ،" ރެޓެލްބޭންޑް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުން 69 އަށް ބަލާތީ ދިމާވާ ވަރަށް ގިނަ ދަތިތަކެއް އެބަ ހުއްޓެވެ. އެގޮތުން ރަސްމީކޮށް ވަޒީފާއެއް އަދާ ކުރުމާއި ޑޭޓިން އެޕްތަކުން އުމުރަށް ބަލައިފައި އޭނާއާ މެދު ތަފާތު ކުރުންތަކެއް ގެންގުޅުން ހިމެނެ އެވެ.

"އަހަންނަށް ހަމަ ޔަގީން އަހަންނަކީ ސާޅީހުގެ އަހަރުތަކުގެ މީހެއް ކަމަށް ސާބިތުކޮށް ދެވޭ ނަމަ އަހަންނަށް އަންހެން ކުދިން ވެސް ވާނެ،" އޭނާ ބުންޏެވެ.

ރެޓްލްބޭންޑް ބުނި ގޮތުގައި މައްސަލައަކީ އޭނާ އަމިއްލަ އަށް "މުސްކުޅިއެއް" ކަމަށް ގަބޫލު ކުރަން ބޭނުން ނުވުމެއް ނޫނެވެ. ބޭނުން ވަނީ އޭނާ ހައްގުވާ މިންވަރު ހޯދައިގެން ހަޔާތުގައި ބާކީ އޮތް ދުވަސްތައް ހޭދަ ކުރާށެވެ.

"އަހަރެންގެ ހިތް ވެސް ވަރަށް ޒުވާން،" ރެޓްލްބޭންޑް ބުންޏެވެ. "އަހަރެން ބޭނުން ވަނީ އުފާވެރިކޮށް އުޅެން."

ރިޕޯޓްތައް ބުނާ ގޮތުން ކޯޓަށް އޭނާ ހުށަހެޅި މައްސަލާގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވަކި ގޮތެއް ނިންމާނެ އެވެ.