ކްއެންޓިން ޓެރަންޓީނޯއާ ބެހޭ އިންޓަވިއުއާ ގުޅިގެން ދައުވާކުރަން ނިންމައިފި
ކްއެންޓިން ޓެރަންޓީނޯއާ ބެހޭ އިންޓަވިއުއާ ގުޅިގެން ދައުވާކުރަން ނިންމައިފި

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯއަކީ "އަމިއްލަ އުފެއްދުންތެރިކަން ކުޑަ ގަމާރެއް" ކަމަށް ބުނެ، އޮސްކާ ހާސިލުކޮށްފައިވާ އިޓަލީގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އެނިއޯ މޮރިކޮން، ޖަރުމަންގެ ޕްލޭބޯއި މަޖައްލާ އަށް ދިން ކަމަށް ބުނާ އިންޓަވިއުއާ ގުޅިގެން އެ މަޖައްލާގެ މައްޗަށް ދައުވާކުރަން އެނިއޯ ނިންމައިފި އެވެ.

އެކަމާ ބެހޭ ގޮތުން، 90 އަހަރުގެ މިއުޒިޝަން ނެރުނު ބަޔާނެއްގައި ބުނީ ޖަރުމަންގެ އެއްވެސް މީޑިއާކަށް ޓެރެންޓީނޯއާ ބެހޭ ގޮތުން އެއްވެސް އިންޓަވިއުއެއް ނުދޭ ކަމަށާއި އޭނާ ދެއްކި ކަމަށް ބުނެ އޭގައި ލިޔެފައި ވަނީ މުޅިން ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ.

ޓެރެންޓީނޯ އެންމެ ފަހުން ނެރުނު ފިލްމު ދި ހޭޓްފުލް އެއިޓް (2015) އިން އެންމެ މޮޅު އޮރިޖިނަލް ސްކޯގެ އޮސްކާ އަށް ވެސް ނޮމިނޭޓްވި އެނިއޯއާ ބުނި ކަމަށް ބުނެ ޓެރަންޓީނޯއާ ބެހޭ ގޮތުން ދައްކާފއިވާ ވާހަކަތަކުގެ ތެރޭގައި އޭނާއަކީ ތާކުންތާކު ނުޖެހޭ ފިލްމު ހަދާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި "ޕަލްޕް ފިކްޝަން" އާއި "ކިލްބިލް" ފަދަ ފިލްމުތައް ހަދާފައިވާ ޑައިރެކްޓަރަކީ އޮރިޖިނަލިޓީއެއް ނެތް، އެހެން މީހުންކޮށްފައި ހުންނަ މަސައްކަތްތަކުން ތަންތަންކޮޅު ވީދައިގެން ފިލްމު ހަދާ އުފެއްދުންތެރިކަން ކުޑަ މީހެއް ކަމަށް ބުނެފައިވެ އެވެ.

އެ އިންޓަވިއުގައި "ދި އަންޓަޗަބަލްސް" އާއި "ދަ ގުޑް، ދަ ބޭޑް އެންޑް ދަ އަގްލީ" ފަދަ ފިލްމުތަކުގެ ސްކޯ ވެސް ހަދާފައިވާ އެނިއޯ ބުނި ކަމަށް ޕްލޭބޯއިގައި ބުނީ ޓެރެންޓީނޯއަކީ "ބޮޑު ގަމާރެއް" ކަމަށެވެ.

"އޭނައަކީ އަދި ވަރަށް އުނދަގޫ ބޮޑުކޮށް މަސައްކަތް ކުރާ މީހެއް. ޕްލޭނެއް ވެސް ގިނަ ފަހަރަކަށް ނޯންނާނެ. އެހެންވެ ކޮންމެ ކަމަކަށް ވެސް އެންމެ ފަހު ވަގުތު ޖެހޭނެ ބަދަލު ގެންނަން. އަހަންނަށް އޭނާއާ އެކު މަސައްކަތް ކުރަން އެންމެ އުނދަގޫވާ ކަމަކީ ވަގުތު ނުދީ މަސައްކަތްތައް ނިންމަން އުޅޭތީ،" ޕްލޭބޯއިގައި އެނިއޯއާ ހަވާލާދީ ބުނެފައިވެ އެވެ. "އަވަސް އަރުވާލައިގެން، އެންމެ ފަހު ވަގުތު މަސައްކަތް ކުރުމަކީ ޓެރަންޓީނޯގެ ވަރަށް ކަމުނުދާ ސިފައެއް."

ޖަރުމަންގެ ޕްލޭބޯއި އިން އެނިއޯ ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ގެނެސް ދިން އިންޓަވިއުގެ މައްސަލާގައި ދައުވާ ކުރަން ނިންމައި އޭނާ ބުނީ ދާދި ފަހުން ލަންޑަނުގައި އޮތް ނޫސް ކޮންފަރެސެއްގައި ވެސް އޭނާ ޓެރަންޓީނޯ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފައި ވާނެ ކަމަށެވެ. އެގޮތުން އޭނާއަކީ ހޮލީވުޑްގައި މިހާރު ތިބި އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރެއިން އެކަކު ކަމަށް ގަބޫލު ކުރާ ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް އުފާ ކުރަން އަދި ފަހަރުވެރި ވެސް ވަން ޓެރެންޓީނޯއާ އެކު މަސައްކަތްކޮށްލަން ލިބުނީމަ. އަހަރެން އޭނާއާ ބެހޭ ގޮތުން ދެއްކި ކަމަށް ބުނެ ޖަރުމަންގެ ޕްލޭބޯއިގައި ހުރީ މުޅިން ވެސް ދޮގު ވާހަކަތަކެއް. އަހަރެން އެއަކަށް އިންޓަވިއުއެއް ވެސް ނުދެން." އެނިއޯ ބުންޏެވެ.

އޭނާ ބުނީ ޖަރުމަންގެ ޕްލޭބޯއި މަޖައްލާ އަށް ދައުވާ ކުރުމާ ގުޅޭ ކަންކަން އޭނާގެ ވަކީލު މިހާރު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ޓެރެންޓީނޯ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.

އޭނާ މިހާރު އަންނަނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓް ލީޑް ރޯލް ކުޅޭ ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ މަސައްކަތް ކުރަމުންނެވެ. އެއީ އަންނަ އަހަރުގެ ޖުލައި 26 ގައި ސިނަމާ އަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.