16 އޯގަސްޓް 2016 - 06:40

އިންޑިއާގެ ބިހާރް ސްޓޭޓްގެ މުޒައްފަރުޕޫރް ގައި އަންހެނަކު ވިހޭތާ ކުޑަ އިރުކޮޅެއް ފަހުން އެމްބިއުލާންސްގައި އިމްތިހާނު ހޯލަށް ގޮސް އިމްތިހާނު ފުރިހަމަކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު މި އަންހެންމީހާ އެމްބިއުލެންސެއްގައި އިމްތިހާނު އޮތް ހޯލަށް ގެންދިޔައީ ވިހޭތާ އެންމެ ދޮޅުގަޑިއިރު ތެރޭގަ އެވެ. ބެޗްލާ އޮފް އެޑިޔުކޭޝަންގެ އިމްތިހާނު ހެދި ރަންޖޫ ކުމާރު ނަމަކަށް ކިޔާ މި އަންހެންމީހާ ވިހަން ބަނޑުގައި ރިހެން ފެށީ އިމްތިހާނު ފެށެން ވަރަށް ގާތް ވެފައި ވަނިކޮށް ކަމަށް ގަލްފް ނިއުސްގައި ބުނެފައިވެ އެވެ.
ބަނޑުގައި ރިހޭތީ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއްގެ ތެރޭގައި އޭނާ ފިރިހެން ކުއްޖަކު ވިހެ އެވެ. ވިހެއުމާ އެކު އޭނާ އެދެން ފެށީ އިމްތިހާނު ހަދަން ގެންގޮސް ދިނުމަށެވެ. އިމްތިހާނު ހޯލަށް ދިޔައީ ޑޮކްޓަރުންގެ ނުރުހުމުގަ އެވެ.
ހޯލާ ހަމައަށް ދެވުނުއިރު އިމްތިހާނު ފަށައިގެން 30 މިނިޓް ފާއިތުވެއްޖެ އެވެ. ނަމަވެސް އޭނާގެ އަޒުމާއި ހިތްވަރު ފެނިފައި އެ ސެންޓަރުގެ ސުޕްރިންޓެންޑެންޓް ވަނީ އިމްތިހާނު ހެދުމުގެ ފުރުސަތު ރަންޖޫ އަށް ދީފަ އެވެ.
ރަންޖޫއަށް އިމްތިހާނު ހެދުމުގެ ފުރުސަތު ދީފައި ވަނީ އިންވިޖިލޭޓާއެއް ކައިރީގައި ބަހައްޓައިގެން، އިމްތިހާނު ހޯލަށް ނުވަދެ އެމްބިއުލެންސްގައި އިނދެގެންނެވެ.
ރަންޖޫ އިމްތިހާނުގައި ބައިވެރިވާން އެހާ ބޮޑަށް ބޭނުންވީ އޭނާގެ ދަރިން ބެލުމަށާއި އެ ކުދިންނަށް ރަނގަޅު ތައުލީމެއް ދޭން ބޭނުންވާތީ ކަމަށް ބުނެފައިވެ އެވެ.
"އަހަރެމެން އޭނާ (ރަންޖޫ) ތައުލީމަށްކުރާ ބުރަ މަސައްކަތަށް ސެލިއުޓްކުރަން. މިކަމުން ހާމަވަނީ ތައުލީމު ހާސިލުކުރުމުގެ މުހިންމުކަމާ މެދު އަންހެނުން ހޭލުންތެރިވެފައިވާ މިންވަރު،" ސުޕްރިންޓެންޑެންޓް ވިދާޅުވެފައިވެ އެވެ.