ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" ރިލީޒްކުރުން ފަސްކޮށްފި
ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" ރިލީޒްކުރުން ފަސްކޮށްފި

އަންނަ އަހަރުގެ އޮގަސްޓްގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ބޮލީވުޑްގެ މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ރިލީޒް ކުރުން ފަސްކޮށްފި އެވެ.

ކުރިން އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ގަ އެވެ. އެކަމަކު މިހާރު "ބުރައްމަސްތުރާ" ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ. މާނައަކީ ޑިސެމްބަރު މަހުގެ 25 ނޫނީ 26 ގަ އެވެ.

މި ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޒުވާން ޑައިރެކްޓަރު އަޔާން މުކަރުޖީ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ޓްރިލޮޖީއެކެވެ. ކަރަން ވަނީ ފިލްމު ފަސްކުރިކަން ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެކަމަކު ސަބަބެއް ހާމައެއް ނުކުރެ އެވެ.

ތިން ބަޔަކަށް ބަހާލައިގެން ގެނެސްދޭ މި ފިލްމަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމެވެ. އަދި މިއީ ހިންދީ ސިނަމާގައި ބެލުންތެރިންނަށް މިހާތަނަށް ތަޖުރިބާ ކުރަން ނުލިބޭ ޒާތުގެ ފިލްމަކަށް ވާނެ އެވެ.

"ބުރައްމަސްތުރާ" ގެ ވަރަށް ބޮޑު ބައި ބަލްގޭރިއާގައި ޝޫޓްކޮށް ނިންމާފައިވާ އިރު، މީގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، މޯނީ ރޯއި އަދި ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލު ނަގުރުޖުނާ އަކިނޭނީ ހިމެނެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު އަސަރު ގަދަ ލޯބީގެ ފިލްމު "ޔެ ޖަވާނީ ހޭ ދީވާނ" ގެނެސް ދިން އަޔާންގެ ތިން ވަނަ ފިލްމު "ބުރައްމަސްތުރާ" އަކީ ފެންޓަސީ/އެޑްވެންޗާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ އެއްކޮށް ކިޔައިދީ ނިންމާނީ އަށް އަހަރުގެ ތެރޭގަ އެވެ. އެގޮތުން އަންނަ އަހަރު ރިލީޒް ކުރާ ޕާާޓް 1 އަށް ފަހު، އިތުރު ދެ ބައި ސިނަމާތަކަށް ގެންނާނެ އެވެ.

ކަރަންގެ ދަރްމާ އިން ދެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ މަހުގެ 28 ގައި ރިލީޒްކުރާ "ސިމްބާ" އެވެ.

މި އަހަރު ރިލީޒް ކުރި ކަރަންގެ ފިލްމުތަކުގެ ތެރޭގައި "ދަޅަކް" އާއި "ރާޒީ" ހިމެނެ އެވެ.

އަންނަ އަހަރު ރިލީޒް ކުރާ ދަރުމާގެ ފިލްމުތަކުގެ ތެރޭގައި "ބުރައްމަސްތުރާ" ގެ އިތުރުން އެޕްރީލް 19 ގައި ރިލީޒް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" އާއި މެއި 10 ގައި ރިލީޒް ކުރާ ތިނެސްކަން ލޯބީގެ ފިލްމު "ސްޓޫޓަންޑް އޮފް ދި އިޔާ 2" ހިމެނެ އެވެ.