ޚާޝުގްޖީ މަރާލުމުގެ ކުރިން އޭނާއާ ކައިވެނި ކުރި ކަމަށް މިސްރު އަންހެނަކު ބުނެފި
ޚާޝުގްޖީ މަރާލުމުގެ ކުރިން އޭނާއާ ކައިވެނި ކުރި ކަމަށް މިސްރު އަންހެނަކު ބުނެފި

ގާހިރާ (ނޮވެމްބަރު 18) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްތެރޭ މިދިޔަ މަހު 2 ވަނަ ދުވަހު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގެ ކުރިން، މި އަހަރު ތެރޭ އެމެރިކާގައި ޚާޝުގްޖީއާ ކައިވެނި ކުރި ކަމަށް މިސްރުގެ އަންހެނަކު ބުނެފި އެވެ.

މިސްރުގެ އަންހެން މީހާ މިކަން ހާމަކުރި އިރު އެއީ ޚާޝުގްޖީގެ ތުރުކީގެ ލޯބިވެރިޔާ އަދި ޚާޝުގްޖީގެ އާއިލާގެ މެންބަރުންނަށް ވެސް އެނގޭ ކަމެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ. ސައުދީ ކޮންސިއުލޭޓަށް ޚާޝުގްޖީ ދިޔައީ ތުރުކީ ލޯބިވެރިޔާއާ ކައިވެނި ކުރަން ބޭނުންވާ ލިޔެކިޔުންތަކެއް ހޯދާށެވެ.

މިސްރުގެ އަންހެން މީހާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އެކަން ހާމަކުރަން ޖެހުނީ މުސްލިމް އަންހެނަކަށްވެ ހުރެ އެއީ ކުރަން ޖެހޭނެ ކަމަކަށްވާތީ ކަމަށެވެ. ވަޒީފާ އާއި އަމިއްލަ ސަލާމަތަށް ޓަކައި އޭނާގެ ފުރިހަމަ ނަން ހާމަކޮށްފައެއް ނުވެ އެވެ.

އަންހެން މީހާ ބުނީ ވޮޝިންޓަނުގައި ބޭއްވި ހަފުލާއެއްގައި ޚާޝުގްޖީއާ ކައިވެނި ކުރީ ޖޫން މަހު ކަމަށެވެ. އަދި އޭނާގެ ފޯނުން ނަގާފައިވާ ކައިވެނީގެ ފޮޓޯތައް ޚާޝުގްޖީ ކޮލަމް ލިޔަމުން ދިޔަ ވޮޝިންޓަން ޕޯސްޓާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ކައިވެނީގެ ހަފުލާގައި ބައިވެރި ޚާޝުގްޖީގެ ގާތް ރަހުމަތްތެރިއަކު ވަނީ މިސްރު އަންހެން މީހާ ދައްކަނީ ރަނގަޅު ވާހަކައެއް ކަމަށް ބުނެފަ އެވެ.

ޚާޝުގްޖީއާ ކައިވެނި ކުރި ކަމަށް މިސްރު އަންހެން މީހާ ދެއްކި ވާހަކަތަކާ ގުޅިގެން ޚާޝުގްޖީގެ އާއިލާ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޚާޝުގްޖީގެ ތުރުކީ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ބުނީ މިސްރު މީހަކާ ޚާޝުގްޖީ ކައިވެނި ކުރިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"އެފަދަ ވާހަކައެއް ޖަމާލް އަހަރެން ގާތު ނުބުނޭ. އެ އަންހެން މީހާ މިހާރު އެފަދަ ވާހަކައެއް ދައްކަނީ ކޮން ބޭނުމަކު ކަމެއް ނޭނގޭ،" ސެންގިޒް ބުންޏެވެ.

މިސްރުގެ އަންހެން މީހާ ދައްކާ ވާހައަކީ ތެދެއް ނަމަ ޚާޝުގްޖީގެ މަރުގެ ބަދަލުގެ ގޮތުގައި ސައުދީން ފައިސާ ދޭނަމަ އެއިން ބައެއް ލިބޭނެ އެވެ.

މިސްރުގެ އަންހެން މީހާ ބުނީ އޭނާ އަކީ 50 އަހަރުގެ މީހެއް ކަމަށާއި ޚާޝުގްޖީއާ މީގެ 10 އަހަރު ކުރިން ބައްދަލުވީ މެދުއިރުމަތީގައި ބޭއްވި މީޑިއާ ފޯރަމެއްގެ ތެރޭން ކަމަށެވެ. އަދި އޭގެ ފަހުން ޚާޝުގްޖީއާ ބައްދަލު ކުރާ ކަމަށާއި އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ މިިދޔަ އަހަރު ކަމަށް ވެސް ބުންޏެވެ.

އަންހެން މީހާ ބުނީ ޚާޝުގްޖީއާ އެންމެ ފަހުން ބައްދަލުވީ ސެޕްޓެމްބަރު މަހު ކަމަށެވެ. އަދި ސައުދީ ސަރުކާރަށް ފާޑުކީ ނަމަވެސް ސައުދީން އޭނާ މަރާލަފާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް ބުނެފައިވާ ކަމަށް ވެސް އަންހެން މީހާ ބުންޏެވެ.