އުފަންވާ ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދެނީ
އުފަންވާ ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދެނީ

އުފަންވާ ކޮންމެ ކުއްޖަކަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި "ބޭބީ ބޮކްސް"އެއް ދިނުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ތަންފީޒުކުރަން ފަށާ ކަންކަމުގެ ތެރޭގައި ހިމަނައިފި އެވެ.

އެއްވެސް ކުއްޖަކު އިސްތިސްނާ ކުރުމެއް ނެތި، އެ ހަދިޔާ، ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމެއް ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މި ހަދިޔާ ދެ އެވެ.

ޕްލޭންގައިވާ ގޮތުން، ކޮންމެ ކުއްޖަކަށް ދޭ "ބޭބީ ބޮކްސް"ގައި ހިމެނޭނީ އުފަންވާ އިރުން ފެށިގެން ބޭނުން ވާނެ މުހިއްމު ސާމާނެވެ. އޭގެ ތެރޭގައި ތަންމަތި ފޮއްޓަކާ އެކު، ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިއްމު ސިއްހީ މައުލޫމާތްތަކުގެ ލުއި ފޮތެއް ހިމެނޭނެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ އެ ވައުދުގެ ބޭނުމަކީ، އެމްޑީޕީން ބުނެފައިވާ ގޮތުގައި ޅަފަތުގެ ކުދިންގެ ދުޅަހެޔޮ ކަމަށް ބާރު އެޅުމެވެ. އަދި ރާއްޖޭގައި އުފަންވާ ހުރިހާ ތުއްތު ކުދިންނަކީ ތަފާތު ކުރުމެއް ނެތި ހަމަހަމަކަން މަތީ އުފަންވާ ކުދިންނަށް ހެދުމަށް ބާރު އެޅުމެވެ.

އުފަންވާ ކުދިންނަށް ހަދިޔާއެއް ދިނުމުގެ އިތުރުން، ވިހެއުމާ އެކު ދަރިފުޅާ އެކު މަންމަ އާއި ބައްޕަ ވަގުތު ހޭދަކުރަން ފުރުސަތު ލިބޭނެ އިންތިޒާމެއް ހަަމަޖައްސައިދިނުމަކީ ވެސް ރައީސްގެ ރިޔާސީ ކެމްޕޭންގެ ވައުދެކެވެ.

ވަޒީފާ އަދާކުރާ ކޮންމެ އަންހެނަކަށް ދަރިއަކު ލިބުމުން މުސާރައާ އެކު ހަ މަހާއި، ބައްޕަ އަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުން ވަނީ މެނިފެސްޓޯގައި ކަނޑައަޅައިފަ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން، ވިހެއުމާ ގުޅިގެން މަންމަ އަށް ދެނީ ތިން މަސް ދުވަހެވެ. ބައްޕަ އަށް ލިބެނީ، ތިން ދުވަހެވެ.

އާއިލާތަކަށް، ދަރިންނާ އެކު ވަގުތު ހޭދަކުރަން ފުރުސަތު ފަހި ކޮށްދިނުމުގެ އިތުރުން، ތުއްތު ކުދީންނަށް ބޭނުންވާ ކާނާ އާއި އެހެނިހެން ތަކެތި އަގުހެޔޮކޮށް ލިބޭނެ ގޮތް ހެދުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ.