ރައީސް، ރައްޔިތުންނަށް ބޮޑު ޖާފަތެއް ދެއްވައިފި
ރައީސް، ރައްޔިތުންނަށް ބޮޑު ޖާފަތެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންނަށް މިރޭ ބޮޑު ޖާފަތެއް ދެއްވައިފި އެވެ.

އާޓިފިޝަލް ބީޗުގައި "ޖަޒީރާ ޖާފަތް" ނަމުގައި ބޭއްވި ޖާފަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު ފަޒްނާ އާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން، ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ބޭއްވި ޖާފަތުގައި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ރައީސް ވަނީ ބައެއް ފަރާތްތަކުން ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ ތަޖުރިބާކާރު ލީޑަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. ރިޔާސީ ކެމްޕެއިންގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި ގޮތަށް ވެރިކަމަށް ވަޑައިގެން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވެނީ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.