19 ނޮވެމްބަރ 2018 - 16:24

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، ގާނޫނުއަސާސީ އާއި ގާނޫނުން، ޕްރޮސިކިއުޓަ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ. ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ނުފޫޒެއްގެ ދަށު ނުވެ މަސައްކަތް ކުރަން ޕީޖީ އަށް ލާޒިމްކޮށްފައިވީ ނަމަވެސް އެއާޚިލާފަށް ކަންކަން ކުރެއްވި ކަމަށް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ތަފްސީލް ކޮށްދީފައިވެ އެވެ.
- ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޖީގެ އަމުރަށް، މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކުރިއިރު އެ މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަން ނުބެލުން. އޭގެ ބަދަލުގައި ޕީޖީ ބިޝާމް އަމަލުކުރެއްވީ ފުލުހުންގެ އިދާރާ އިން އެދޭ ކަމެއް ކުރެއްވުމުގެ އުސޫލުން.
- ޕީޖީގެ އެދިވަޑައިގަތުމަކާ ނުލައި، މަޖިލީހުގެ މެމްބަރަކު އިޖުރާއަތުތަކާ ޚިލާފަށް ހައްޔަރުކޮށްފައި ބެހެއްޓިއިރު އެކަން ބަލައި ފިޔަވަޅު އެޅުމަށް ޕީޖީ މަސައްކަތް ކުރައްވާފައި ނުވުން.
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލްތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު އެކަން ހުއްޓުވާފައި ނުވުން.
- ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ޝަރީއަތް ހިނގަމުންދިޔައިރު އެކަން ހުއްޓުވާފައި ނުވުމާއި ގާނޫނާ އެއްގޮތަށް އެކަން ކުރަން ބާރުއަޅާފައި ނުވުން.
- ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ އަށް އޭނާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ލިބިދީފައިވާއިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައި ނުވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް، ޣައިރު ހާޒިރުގައި ހުކުމް ކުރަމުން ދިޔައިރު އެކަން ހުއްޓުވުމާއި ރަނގަޅު ކުރަން މަސައްކަތް ކުރައްވާފައި ނުވުން.
މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ބިޝާމް ޒިންމާއަދާ ނުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކަށް ނުހައްގުން އަދަބު ލިބި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވެ އެވެ. ގިނަ މީހުންނަށް ދައުވާ އުފުލައި އަދަބު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންވެ މައްސަލައިގައި އެދިފައި ވަނީ ބިޝާމް މަގާމުން ވަކިކޮށްދިނުމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ލީޑަރުން ޖަލަށް ލުމާއި ހައްޔަރުކުރުން ފަދަ ކަންކަމާ ގުޅިގެން، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއް ބިޝާމަށް އަމާޒުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ މިނިވަން މަގާމެއް ކަމަށްވާތީ، އެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. މި ވަގުތު މަޖިލީހުގައި އޮތީ އާ ސަރުކާރުގެ އަޣުލަބިއްޔަތެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. މުހުތާޒްގެ ކުރިން ޕީޖީގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަޖިލީހުން އުޅުމުން މުއިއްޒު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.