19 ނޮވެމްބަރ 2018 - 17:03

ރައީސް އޮފީހުގެ މިނިސްޓަރަކަށް، ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (މަސްއޮޑި) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
މިއީ މިދިޔަ ހޮނިހިރު ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރެއްވި ދެވަނަ ބޭފުޅާ އެވެ. ރައީސްކަމުގެ ހުވާކުރެއްވި ރޭ ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް އަލީ ޝިޔާމް (ތްރީއޭ) އައްޔަން ކުރައްވައިފަ އެވެ.
ނަސީމަކީ ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމް އަދި ނަޝީދުގެ ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ނަޝީދުގެ ވެރިކަމުގައި ނަސީމް ފޮރިން މިނިސްޓަރުކަން ކުރެއްވި އިރު، އޭނާ އަކީ އެމަނިކުފާނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ނަސީމަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ދިރިއުޅުއްވީ ސްރީ ލަންކާގަ އެވެ. ނަސީމް، އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވުމުންނެވެ.