ޑެމްބެލޭ އަށް ގޭމަށް ދެވިހިފުމުގެ މައްސަލަ ދިމާވެއްޖެ
ޑެމްބެލޭ އަށް ގޭމަށް ދެވިހިފުމުގެ މައްސަލަ ދިމާވެއްޖެ

ބާސެލޯނާ (ނޮވެމްބަރު 20) – ބާސެލޯނާގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެބްލެބޭ ޓީވީ ގޭމް ކުޅުމަށް ދެވިފައި އޭގެ ސަބަބުން އޭނާގެ އަހުލާގަށް އަސަރުކުރާތީ އެ ކްލަބުން ކަންބޮޑުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދާދި ފަހުން ޑެމްބެލޭ ވަނީ ބަނޑުގައި ރިއްސާތީ ކަމަށް ބުނެ ބާސެލޯނާގެ ޕްރެކްޓިހަށް ނުގޮސް މަޑުކުރީ ރަށްޓެހިންނާ އެކު ގޭމް ކުޅުމަށެވެ. އަދި ކްލަބުން މެޑިކަލް ޓެސްޓް ހެދިއިރު އެފަދަ ކަމެއް ނޫޅޭތީ އިތުރަށް ބެލި ބެލުމުން އެނގުނީ އޭނާ ޕްރެކްޓިހަށް ނައީ ގޭމް ކުޅުމަށް ކަމަށެވެ.

އަދި ގޭމް ކުޅެން ދެވި ހިފުމުގެ ސަބަބުން ޑެމްބެލޭގެ ފަރާތުން ކަންކަމަށް ފަރުވާކުޑަވުމާއި ވަގުތަށް ކަމޭނުހިތުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެކަމަށް ޕްރޮފެޝަނަލް ފަރުވާ ބޭނުންވާއިރު ބާސެލޯނާ އިން އަންނަނީ އެކަން ހައްލުކުރެވޭނެ ގޮތެއް ފެނޭތޯ ބަލަމުންނެވެ.

މިކަންކަމާ ގުޅިގެން އޭނާ ވިއްކާލާނެ ކަމަށާއި ލިވަޕޫލާއި އާސެނަލުން އޮތީ ގަންނަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ބާސެލޯނާގެ ޖެނެރަލް މެނޭޖަރު ޕެޕް ސެގޫރާ ބުނީ އޭނާ ނުވިއްކާނެ ކަމުގެ އިޝާރަތެއް ދީފަ އެވެ. އަދި ޑެމްބެލޭ އަށް ދިމާވެފައިވަނީ ޓީމަށް ހޭނުމުގެ މައްސަލަ ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އޭނާ ބުންޏެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން ބޮޑު އަގެއްގައި މިދިޔަ އަހަރު ބާސެލޯނާއާ ގުޅުނު ޑެމްބެލޭ އަށް މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ބޮޑު ބަޔެއް ގެއްލުނެވެ.