21 ނޮވެމްބަރ 2018 - 15:08

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގަށް މިއަދު ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓު ސަރަހައްދުގައި މާރާމާރީއެއް ހިންގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއަސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އެ ހަމަލާއާ ގުޅިގެން ސިއްދީގު ކުރި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަށް ހަމަލާދިނީ "ޖަޒީރާ ރާއްޖެ" ޖަހާފައިވާ ޓީޝާޓު ލައިގެން ހުރި މީހަކު ކަމަށެވެ. އެ މީހާ ސިއްދީގަށް ހަމަލާދީ މާރާމާރީ ހިންގައި "ގައިން ލޭދުއްވާލައިފި" ކަމަށާއި އަދިވެސް ހަމަލާދޭނެ ކަމަށް ޕޮލިސް އޮފިސަރު ކުރިމަތީގައި ވެސް ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ވެސް ވަނީ ސިއްދީގަށް ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމާއި އޭގެ ތެރެއިން ސަރުކާރަށް ފާޑު ކިޔުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދޭ ހައްގެއް ކަމަށެވެ.
ޕާޓީގެ އިސް މެމްބަރެއްގެ ގައިގައި ތަޅައި އަނިޔާކުރުމަކުން، އެ ޕާޓީން ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކެއް ހުއްޓާ ނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.