ގަތަރު ވޯލްޑް ކަޕް ފުރިހަމަވާނެ: އިންފަންޓީނޯ
ގަތަރު ވޯލްޑް ކަޕް ފުރިހަމަވާނެ: އިންފަންޓީނޯ

ޒިއުރިކް (ނޮވެމްބަރު 22) – ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ގަތަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދިނުމުން ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. އެ ގައުމަކީ ފުޓްބޯޅައިގެ ސަގާފަތެއް ނެތް ގައުމަކަށް ވުމާއި އިންސާނީ ހައްގުތަކުގެ މައްސަލަތަކެއް ފެންމަތިވުމާއި ވޯލްޑް ކަޕް ބާއްވާ ދުވަސްވަރު ހޫނު ގަދަވުމަކީ ފާޑުކިޔަން މެދުވެރިވި ސަބަބެކެވެ. އެކަމަކު ފީފާ އިން މިހާރު ވަނީ ފިނި މޫސުމާ ދިމާކުރަން ވޯލްޑް ކަޕް ނޮވެމްބަރު އަދި ޑިސެމްބަރުގައި ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.

"ގަތަރުގެ ވޯލްޑް ކަޕަކީ ހަނދާން ނައްތާނުލެވޭނެ އިވެންޓަކަށް ވާނެ ހުރިހާ ކަންކަމެއް އެބަހުރި. ހުރިހާ ސްޓޭޑިއަމެއް ވެސް ހުރީ އެއް ގަޑިއިރުގެ ދުރުމިނެއް. މި ވޯލްޑް ކަޕް ވެގެންދާނީ ވޯލްޑް ކަޕަކަށް މަރުހަބާ ކިޔޭނެ ހުރިހާ ވަސީލަތްތަކާއި ކަންކަމެއް ހުރި ގައުމަކުން ބާއްވާ ވޯލްޑް ކަޕަކަށް،" އިންފަންޓީނޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ނޮވެމްބަރާއި ޑިސެމްބަރުގައި ގަތަރުގެ ފިނިހޫނުމިން އުޅޭނީ 15-25 ޑިގްރީ ސެލްސިއަސްގައި ކަމަށާއި އެއީ މިފަދަ އިވެންޓަކަށް އެންމެ ކަމުދާނެ މާހައުލު ކަމަށެވެ.

އެ ދުވަސްވަރު ވޯލްޑް ކަޕް ބާއްވާތީ ޔޫރަޕުގެ ކްލަބް ސީޒަނަށް ބަދަލު ގެންނަން ޖެހެ އެވެ. އެކަމަކު އިންފަންޓީނޯ ދެކޭ ގޮތުގައި މުޅި ދުނިޔެ ބަލާނެ ފުރިހަމަ އިވެންޓެއް ބާއްވާނެ ހުރިހާ ކަމެއް ގަތަރުގައި ފުރިހަމަވެފައިވާ ކަމަށެވެ.

"އަހަންނަށް ދެވޭނެ މެސެޖަކީ ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން ގަތަރަށް، މެދުއިރުމައްޗަށް، ގަލްފަށް އަންނާށޭ 2022 ގައި އަދި އައިސް މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ވޯލްޑް ކަޕުން ހިތްހަމަޖެހުން ހޯދާށޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.