23 ނޮވެމްބަރ 2018 - 19:04

ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަންގެ މެމްބަރު، ގާނޫނީ ވަކީލް އައިޝަތު ހަނާ ވަހީދު މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓާ ހަނާ މިއަދު ވިދާޅުވީ އޭނާ އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ އޭނާގެ މަސްލަހަތު ފުށުއަރާ ކަމަށް ބެލުމުގެ ފުރުސަތު ފަހަރެއްގައި އޮވެދާނެތީ ކަމަށެވެ. އެއީ ކޮން ކަމެއް ކަން ހަނާ ވިދާޅެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ހަނާގެ ފިރިމީހާ އަދި ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް ވަކާލާތު ކުރާ ކުންފުންޏެއްގެ މައްސަލަ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.
ހަނާ އެކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރުމުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެއީ އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރިން ހައްޔަރުކޮށްފަ އެވެ. އޭނާ ސެޕްޓެމްބަރު، 2015 ގައި މަގާމުން ވަކިކުރީ ވެސް އެ މައްސަލައާ ގުޅިގެންނެވެ.
ވިޝާމް އާއި ހަނާ ދިރިއުޅުއްވާ މ. ހަނީޑިއު ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް މަސްތުވާތަކެއްޗާއެކު އެ ދެ މީހުން ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އެގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ސެލޯފިން ކޮޅާއި، ބޭނުން ނުކޮށް ހުރި ހަ ދަޅު ބިއަރާއި، ބޭނުންކޮށްފައި ހުރި ދެ ދަޅު ބިއަރު ފުލުހުން ވަނީ ހޯދާފަ އެވެ. އަދި މި ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ.
ހަނާ އެކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު ދެން އެކޮމިޝަންގައި ހިމެނޭ އިތުރު މެމްބަރުންގެ ނަޒާހަތްތެރިކަމާމެދު ވެސް ބައެއް އާއްމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ސަރީރާ އަށް އާންމުން ކުރަނީ އިހުމާލުގެ ތުހުމަތެވެ. އެއީ ނޫސްވެރިޔާ ރިލްވާން އަހުމަދު ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން އިހުމާލުވުމުން އެކަމަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ އެވެ. ނަމަވެސް އެ ތުހުމަތުތައް ސަރީރާ ދޮގު ކުރައްވަ އެވެ.
ދެން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ވެސް ބެލި އެވެ. އެ މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލީ، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުންނާއި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް ގެއްލުނު 30 މިލިއަން ރުފިޔާގެ މައްސަލައިގަ އެވެ.