25 ނޮވެމްބަރ 2018 - 16:49

ކޮލަމްބޯ (ނޮވެމްބަރު 25) - ލަންކާގެ ބޮޑު ވަޒީރުކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަން ބަލަން ކޮމިޝަނެއް އުފައްދާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
"ރަނިލް އަކީ ކޮރަޕްޓް މީހެއް. ރަނިލްގެ އިގްތިސާދީ ސިޔާސަތުން ރައްޔިތުންނަށް ފައިދާއެއް ނުކުރި،" ބޭރުގެ ކޮރެސްޕޮންޑެންޓުންނާ ކޮލަމްބޯގައި ބައްދަލު ކުރައްވާ ސިރިސޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ނާކާމިޔާބުވުމުން މަގާމުން އިސްތިއުފާ ދެއްވުމަށް ރަނިލް އަށް ދެންނެވި ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އިންތިޚާބުން ބަލިވީ ރަނިލްގެ އިގްތިސާދީ ސިޔާސަތު ފެއިލްވުމުން ކަމަށް. އެކަމަކު އޭނާ ދެކޮޅު ހެދި،" ސިރިސޭނާ ވިދާޅުވި އެވެ.
ދެބޭފުޅުންގެ މެދުގައި 100 އަށް ވުރެ ގިނަ ފަހަރު މައްސަލަ ޖެހިފައިވާ ކަމަށާއި އެކަން ކެބިނެޓަށް އެނގޭނެ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ ޒާތީ މައްސަލަތަކެއް ނޫން ކަމަށާއި ޚިޔާލު ތަފާތު ވަނީ ސިޔާސަތުގައި ކަމަށް ވިދާޅުވި އެވެ.