27 ނޮވެމްބަރ 2018 - 12:02

ރައީސްކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން ގޮތެއް ނިންމަން މިއީ ރަނގަޅު ވަގުތެއް ނޫން ކަމަށް، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު އުވާލައި ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް ހުށަހެޅި ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެ ބަދަލު ގެންނަން އަދި ފަސް އަހަރު ދުވަސް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ މި ވަގުތަށް މުހިއްމީ ރައްޔިތުންނާ ސީދާ ގުޅުުން ހުރި ކަންތައްތަކަށް މަޖިލީހުގެ ވަގުތު ހޭދަކުރުން ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލުގެންނަން ވާނީ ރަނގަޅު ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ކުރަންވީ ސީދާ ރައްޔިތުންނާ ގުޅޭ ކަންކަން. މިހެން ބަދަލުތައް އަންނަމުން ދާއިރު އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިގެން ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވެސް މަޝްވަރާ ކުރެވިގެން ރަނގަޅު ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން ރަނގަޅު ތަރުތީބަކުން ހަރުދާ އުސޫލަކުން މިކަން ކުރުން،" އީވާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ބިލެއްގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ އެހާ ފަސޭހަ އިން ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށެވެ. ގާނޫނުއަސާސީ އަށް އެ ބަދަލު ގެނައުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އޮތް ކަަމަކަށް ވާތީ އިރުއިރުކޮޅާ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ހުށަހަޅަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ އިތުރުން ރައީސް މައުމޫނަށް ތާއީދު ކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހީމް ވެސް، އެ ބިލުގެ މަސައްކަތް އެޖެންޑާ ކުރުމުން ފާޑު ވިދާޅުވި އެވެ.
އެ މެމްބަރުންގެ ފާޑު ކިއުންތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބުރާހީމް ވިދާޅުވީ އެ ބިލް އެޖެންޑާ ކުރީ މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން މިހާރު ހުރި ކަންތައްތައް ނިންމުމަށް ކަމަށެވެ. އަދި ވިދާޅުވީ އެކަމާ މެދު ޕާޓީތަކާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.