ލަންކާ ޕާލަމެންޓް އުވާލި މައްސަލަ ބަލަން ހަތް ފަނޑިޔާރުންގެ ބެންޗެއް
ލަންކާ ޕާލަމެންޓް އުވާލި މައްސަލަ ބަލަން ހަތް ފަނޑިޔާރުންގެ ބެންޗެއް

ކޮލަމްބޯ (ނޮވެމްބަރު 27) - ސްރީ ލަންކާ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ އުވާލެއްވި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ހަތް މެންބަރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

އުއްތަމަ ފަނޑިޔާރު ނަލިން ޕެރާރާ ރިޔާސަތު ބަލަހައްޓާ ބެންޗުން މައްސަލަ ބަލަން ފަށާނީ އަންނަ މަހު 3 ވަނަ ދުވަހު އެވެ. ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިޚާބެއް ބާއްވަން ސިރިސޭނާ ނިންމެވި މައްސަލަ ސިޔާސީ ބައެއް ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި މަހު 12 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ތިން މެންބަރުންގެ ފަނޑިޔާރުންގެ ބެންޗަކުން މި މަހު 13 ވަނަ ދުވަހު ވަނީ އަންނަ މަހު 7 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެންދެން ސިރިސޭނާގެ ނިންމެވުމުން ބާތިލް ކުރުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ.

ލަންކާގައި ސިޔާސީ މައްސަލަގަނޑު ބޮޑުވެފައި ވަނީ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ މަހު 26 ވަނަ ދުވަހު ހަމަޖެއްސެވި ހިސާބުންނެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވާ އިރު ރާޖަޕަކްސާ ގެންދަވަނީ ސަރުކާރު ހިންގަވަމުންނެވެ. ރާޖަޕަކްސާގެ މައްޗަށް ޕާލަމެންޓުގައި ދެ ފަހަރެއްގެ މަތިން ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނަގައިފަ އެވެ.