17 އޯގަސްޓް 2016 - 06:38

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
"ހަލޯ!" އަހަރެން ލިޔެލީމެވެ.
އެއްވެސް ޖަވާބެއް ނައެވެ. އަހަންނަށް މާ ހަރުކަށިވެވުނީ ހެއްޔެވެ؟ ނުވަތަ އަހަރެން ރުޅިއައީހެން އޭނައަށް ހީވީބާއެވެ؟ ލިޔެގެން ވާހަކަދެއްކުމުގެ ބިރުވެރިކަމަކީ އެއީއެވެ. ލިޔެފައިހުންނަ އަކުރުތަކަކަކުން ރާގެއް ނޭނގޭނެއެވެ. ބުނާ މީހާ ކިތަންމެ ލޯބިން ބުނި ނަމަވެސް، ކިޔާ މީހާ ކޮންމެ ރާގެއްގައި ވެސް ކިޔައިފާނެއެވެ. ޒާމިރު ޖަވާބެއް ދީފާނެ ކަމުގެ އިންތިޒާރުގައި އޮއްވައި އަހަންނަށް ނިދުނީއެވެ. ހޭލެވުނީ މެސެޖެއް އައި އަޑަށެވެ. ގަޑި ބަލައިލިއިރު، އަހަންނަށް ނިދިފައި އޮންނަތާ ދެ ގަޑިއިރު ވެއްޖެއެވެ. ޒާމިރު ފޮނުވާފައިވާ މެސެޖަށް ފިއްތާލީމެވެ. ފެނުނީ އުނޭޒެވެ. އޭނަ އަޑުގެކޮޅަށް ހޭންފެށިއެވެ. އަހަރެން ވަރަށް ލަދުގަތެވެ. ދެރަ ވެސް ވިއެވެ. އޭނަގެ މަޅީގައި އަހަރެން ޖެހުނުލެއް އަވަސްކަމުންނެވެ. އެއީ ކޮން ބޭނުމެއްގައި އޭނަ ކުރި ކަމެއް ހެއްޔެވެ؟ އޭނަގެ ދިރިއުޅުމުން އަހަރެން ނުކުމެއްޖައީމެވެ. ދޮރު ދޭތެރޭގައި ތާށިވެގެން އޭނަ އެ އުޅެނީ ކީއްވެގެންބާއޭ އަހަރެން ހިތަށްއެރިއެވެ. އެ ފިކުރުގައި އޮއްވައި، އަނެއްކާ ވެސް ނިދުނީއެވެ.
ހެނދުނު ހޭލައިފައި ވެސް ތެދުވާހިތެއް ނުވިއެވެ. ވިސްނާލަން އޮވެވުނީއެވެ. ޒާމިރުގެ ނަމުގައި ވާހަކަދެއްކިއިރު، އެއީ އުނޭޒްކަން އަހަންނަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ޒާމިރު ދެއްކި ވާހަކަތައް ފަށައިގެން ބަލައިލާހިތް ވިއެވެ. ލެޕްޓޮޕް ހުޅުވައިލިއިރު ލެޕްޓޮޕް ހުރީ "ސްލީޕް މޯޑް" ގައެވެ. ދެން ހަނދާންވިއެވެ. އަހަރެންގެ ލެޕްޓޮޕް ހުންނާނީ އެ ގޮތަށެވެ. ލެޕްޓޮޕާ ނުކުޅޭތާ ގަޑިއެއްގެއިރު ތެރޭގައި "ސްލީޕް މޯޑަށް" ދާނެއެވެ. ވީއިރު، ދެ ގަޑިއިރު ފަހުން އުނޭޒްގެ މެސެޖެއް އައީ ކިހިނެއް ހެއްޔެވެ؟ ލެޕްޓޮޕް ހުޅުވައިލީމެވެ. އަހަންނަށް ފެނުނީ ހުވަފެނެއްބާއެވެ؟ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ލެޕްޓޮޕް ހުޅުވުނެވެ. އެފްބީ ވެސް ހުޅުވުނެވެ. އުނޭޒްގެ މެސެޖެއް ނެތެވެ. އެއީ ހަމަ ބިރުވެރި ހުވަފެނެކެވެ. އެންމެ ފަހުން ވާހަކަދައްކައިފައި އޮތީ އަހަންނެވެ. ވީ އުފަލުން ރޮވުނެވެ. އެތައް ފަހަރަކު ﷲ އަށް ޝުކުރު ދެންނެވީމެވެ. އެ ވަގުތުމެ ޒާމިރުގެ މެސެޖެއް ލިބުނެވެ.
"ރޭގަ ނެޓް ކެނޑުނީ!" ޒާމިރު ބުންޏެވެ. "ސޮރީ!"
ޒާމިރުގެ ވާހަކަތަކުން އެނގުނު ގޮތުގައި، އިސްކޫލު ދައުރުއް ސުރެ އަހަންނަކީ ޒާމިރަށް މާ ކަމުގޮސްފައިވާ ކުއްޖެކެވެ. ލޯބިވާ ވާހަކަ ބުނަން ނުކެރުނީއެވެ. ބަލަން ދުރުގައި ހުރެވުނީއެވެ. ކިތަންމެ ފަހަރަކު ހިތްވަރު ކުރިއެވެ. އެހެން އުޅެނިކޮށް ކިޔަވައި ނިމި، އަހަރެން ގެއްލުނީއެވެ. އަހަރެން ގެންގުޅުނު ޕްރީޕެއިޑް ނަންބަރުތައް ކިތަންމެ ފަހަރަކު ބަދަލުވިއެވެ. އެކި ސަބަބާ ހެދިއެވެ. ޒާމިރުގެ ކައިވެންޏާ މެދު މައިންބަފައިން ވާހަކަދެއްކިކަމަށް ވެއެވެ. ވަގުތު ބޭނުންކަމަށް ބުނެފައި ޒާމިރު އެ ވާހަކަ އޮއްބައިލީއެވެ. އެފްބީން އަހަންނާ ދިމާވުމުން އެ ކަން ވެސް ޒާމިރުގެ މަންމައަށް އެންގިއެވެ. މަންމަ އާއި ޒާމިރުގެ ގުޅުން ވަރަށް ރަނގަޅެވެ. ނަތީޖާއެއްގެ ގޮތުން، އަހަރުމެން ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް ޒާމިރުގެ މަންމައާ ހަމައަށް ޒާމިރު ގެންދިޔައެވެ. ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުޞަތު ވެސް ޒާމިރަށް ލިބިއްޖެއެވެ. ފުރުމުގެ ކުރިން ކައިވެނިކުރަން ޒާމިރު ބޭނުމެވެ.
އަހަރެންގެ މައިންބަފައިންނަށް ވެސް އެ މަޢުލޫމާތުތައް ދިނީމެވެ. ކައިވެންޏާ ބެހޭގޮތުން މަޝްވަރާ ކުރީމެވެ. އެނގިފައި ހުރި ހުރިހާ އެއްޗެއް މަންމައަށް ކިޔައިދިނީމެވެ. ޒާމިރުގެ އުމުރެވެ. ގޭގެ ނަމެވެ. ޢާއިލާއެވެ.
"ދަރިފުޅު ގޮތަށް ދަނޑިކޮޅެއްހެން ހުންނަ ކުއްޖެއްތަ؟" ސަމާސާ ރާގެއްގައި މަންމަ އެހިއެވެ.
ޒާމިރުގެ ފޮޓޯއަކަށް އަހަރެން ނޭދެމެވެ. އެދޭކަށް ބޭނުމެއް ވެސް ނޫނެވެ.
"ސިފައެއް ނޭނގެ މަންމާ،" އަހަރެން ބުނީމެވެ. "ބަލާކަށް ބޭނުމެއް ވެސް ނޫން. ބައްޕަ ކީކޭ ބުނީ؟ އޯކޭތަ؟"
ބައްޕަ ވަރަށް ގަބޫލެވެ. ޒާމިރު ނިސްބަތްވަނީ މާލޭގެ ޤަދަރުވެރި ޢާއިލާއަކަށެވެ. ޒާމިރުގެ ބައްޕައަކީ، މާލޭގެ އެންމެން ދަންނަ މީހެކެވެ. އެކަމަކު، އަހަރެން ނުވެސް ދެކޭ މީހަކާ އިންނަން އަހަރެން އުޅޭތީ މަންމަގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ.
"ނުވެސް ދަންނަ މީހަކާ އިންނަނީ؟" މަންމަ ސުވާލުކުރިއެވެ. "ދެން އަޅެ ބައްދަލުނުކުރިޔަސް ސިފަ އެނގިލަން ރަނގަޅެއްނު. ބައްޕަގެ ނަމަށް ވުރެ ވެސް ކުރިން މަންމަ ބޭނުންވި ބައްޕަ ހުންނަ ގޮތް ދެކިލަން."
"މަންމާ!" ހީނގެންފައި އަހަރެން ބުނީމެވެ. "މީ މަ ބޭނުންވާ ގޮތް. މަ ބޭނުމެއް ނޫން މީހުންނާ ރައްޓެހިވެގެން އެތައްމިތަނަށް މީޓްކުރަން ދާކަށް. ސްކޫލްގަ އުޅެމުން ކުރިން ވެސް ކުއްޖަކާ ރައްޓެހިވީމެއްނު. އޭނަޔާ ވާހަކަދައްކަން ވެސް މަ އިންނަނީ ސިޓިންރޫމްގަ. އޭނަގެ މަންމަޔާ ދައްތަމެން ވެސް ތިބޭނެ. އެއީ އެ ކަން އޮންނަންޖެހޭ ގޮތޭ މަންމާ! އެކަމަކު، މަންމަ އެބަ ޖެހޭ ކަމެއް ކޮށްދޭން. ބުރުގާއަޅަންވީނު!"
"މަންމައަށް ވެސް ހީވަނީ ތި ކަން ކުރަންވީ ވަގުތު ޖެހިއްޖެހެން." މަންމަ އެއްބަސްވިއެވެ.
އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން، އެ ފަހަރު ވެސް އަހަރެންގެ ނިންމުންތަކަށް މަންމަ އިޙުތިރާމް ކުރިއެވެ. ދަރިންނަށް ކަންކަން މަޖުބޫރުކުރުމަކީ އަހަރެންގެ މައިންބަފައިން ކޮށްއުޅުނު ކަމެއް ނޫނެވެ. ޖަޕާނުން އަހަރެން މާލެ އައި ދުވަހުގެ ރޭ ޒާމިރު އައެވެ. ޒާމިރުގެ މައިންބަފައިންނާ އެކުގައެވެ. އަހަންނާ އެކުގައި، އަހަރެންގެ މައިންބަފައިން ވެސް ތިއްބެވެ. އަހަންނާއި ޒާމިރު، ކުޑަމިނުން ސަލާން ވެސް ނުކުރަމެވެ. އެ ކަން ވެސް ބޭއްވީ ކައިވެނީގެ ފަހަށެވެ. ޒާމިރަކީ، ރާއްޖޭގައި ހުރި އެންމެ ރީތި މީހާއެއް ނޫނެވެ. އެހެންނަމަވެސް، އަހަރެން އުންމީދުކުރި ވަރަށް ވުރެ ރީއްޗެވެ. އިސްކޮޅުން އަހަންނާ ދާދި އެއްވަރެކެވެ. އަހަންނަށް ވުރެ ތަންކޮޅެއް ދޮންހެން ހީވެއެވެ. އިސްތަށިގަނޑު ހުރީ މައްޗަށް ފުނާއަޅައިފައެވެ. ރީތި ވަރަކަށް ކޮށައިފައިވާ ތުނބުޅިއެއް ހުއްޓެވެ. ޒާމިރުގެ މަންމަ އާއި އަހަރެންގެ ހެދުންއެޅުން ވަރަށް އެއްގޮތެވެ. އަހަރެންގެ މަންމަ ބުރުގާއެޅިކަން ނަސީބެކޭ ހިތަށްއެރިއެވެ. ކައިވެނީގެ ހުއްދައަށް އެދި އެހީ ޒާމިރުގެ ބައްޕައެވެ. ރުހުންދިނީ އަހަރެންގެ ބައްޕައެވެ. ކައިވެނީގެ ތާރީޚު ކަނޑައެޅުނެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ މާ ކުލަ ގަދަ ޙަފުލާއެއް ބާއްވާކަށް،" ޒާމިރުގެ ބައްޕަ ދެކޭ ގޮތް ހުށައެޅިއެވެ. "އެއީ ވަރަށް ބޮޑު އިސްރާފެއް، ދެއްކުންތެރިކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ހަވީރުގަޑީގަ ކުޑަ ސަޔެއް ބާއްވާފަ، ދެ ފަރާތުގެ ޢާއިލާގެ މީހުންނާ، ގާތް އެކުވެރިންނަށް ދަޢުވަތު ދޭން."
އަހަރެން ވެސް ބޭނުމީ އެ ގޮތެވެ. އަހަރެންގެ މައިންބަފައިން ވެސް އެ ގޮތަށް ރުހުނެވެ. އެ މީހުން ދިޔުމުން ބައްޕަ ގާތަށް ހިނިއައިސްފައި އިންތަން އަހަންނަށް ފެނުނެވެ. މަންމަ ވެސް އިންނަނީ ލާނެތް ހިންޏެއް އައިސްފައެވެ.
"ކިހިނެއްވީތަ؟" ހިނިއައިސްފައި އަހަރެން އެހީމެވެ. "މިހާރު ކޮންކަމަކާ ތި ހެނީ؟"
"އެކަމަކު ދަރިފުޅާ،" ބައްޕަ ޖަވާބުދިނެވެ. "ސަލާންކޮށްލަން ވާނެއްނު. ގެއަށް އައި ފުރަތަމަ ދުވަސް ވިއްޔަ! އޭނަ ކީކޭ ހިތަށްއަރާނީ؟"
"އަހަރުމެން ނިންމާފަ އޮތް ގޮތޭ އެއީ،" އަހަރެން ބުނީމެވެ. "އެއީ ވަރަށް ބަސްއަހާ ކުއްޖެކޭ ބައްޕާ. އެނގޭތަ؟ އެ ގޭގަ ހުރެޔޯ ދެ ސިޓިންރޫމް. އަންހެނުން އުޅޭ ތަނަކަށް ފިރިހެނުންނަކަށް ނުވެސް ވަދެވޭ. ކިހާ މިނިވަން؟"
މަންމަ އާއި ބައްޕަ އެކަކުއަނެކަކަށް ބަލައިލިއެވެ.
"އެ މީހުންގެ ތެރޭގަ ދަރިފުޅަށް އުޅެވޭނެތަ؟" ބައްޕަ އެހިއެވެ. "ފިރިހެނަކު ފިރިހެނަކާ ނޫނީ ސަލާމެއް ނުކުރޭ. އަންހެނަކު އަންހެނަކާ.."
"މަ ވެސް ބޭނުންވާ ގޮތޭ އެއީ،" އަހަރެން ވަގުތުން ބުނީމެވެ. "އެ ކަހަލަ ގެއެއްގަ ނޫނީ މަށަކަށް ނުވެސް އުޅެވޭނެ. އަސްލު މި ގޭގަ ވެސް އޮންނަންވީ އެހެން."
ބައްޕަ އެ ކަމާ ދެކޮޅެއް ނަހަދައެވެ. އެއްކޮޅަށް ވާހަކައެއް ވެސް ނުދައްކައެވެ. ބައްޕަ ހައިރާންވީ އަހަރެންގެ ވިސްނުމަށް އެހާ ބޮޑު ބަދަލެއް އައީމައެވެ. ކުޑައިރު އަހަންނަށް ދިނީ އެހެން ތަރުބިއްޔަތެކެވެ. އަހަރެން ކުރިމަތީގައި އެތައް މަގެއް އޮތެވެ. ތެދުމަގު އިޚުތިޔާރުކުރީ އަހަރެން އަމިއްލައަށެވެ. މައިންބަފައިންނާއި މުދައްރިސުންގެ މާ ބޮޑު ދައުރެއް ނެތެވެ.
ކައިވެނިކޮށްގެން އަހަރެން ދިޔައީ ޒާމިރުގެ ގެއަށެވެ. ޒާމިރު ކިޔަވަން މަދީނާއަށް ފުރިއެވެ. މީހަކާ އިނދެގެން އުޅޭތީ، އަނބިމީހާ ގެނައުމުގެ ހުއްދަ ލިބުނެވެ. އަހަރެން ވަޒީފާ ދޫކޮށްލީމެވެ. ދެމަފިރިން ފުރަތަމަ ދިޔައީ ޢުމްރާއަކަށެވެ. އެ އަށް ފަހު، ޒާމިރާ އެކުގައި މަދީނާއަށް ދިޔައީމެވެ. އެ ބިމުގައި ފައިތިލަ ޖެހުމުން އަހަރެންގެ ހިތަށް އުފާވެރި އިހުސާސެއް ކުރެވުނެވެ. އެ ތަނުގެ އަޑިގުޑަން ބިންގަނޑާއި، ފަރުބަދަތައް އަހަންނަށް ވާހަކައެއް ކިޔައިދޭ ކަހަލައެވެ. އެ ތަނުގެ ހޫނަކުން ދަލެއް ނުހިއްލައެވެ. މަގުތައް ސާފުތާހިރެވެ. އިސްލާމީ ތާރީޚުގެ ވަރުގަދަ އެތައް ހާދިސާތަކެއް އެ ބިމުގައި ވަނީ ހިނގައިފައެވެ. އަހަރެންގެ ހިތުގައި އެ ބިމަށް ދެވިފައިވާ ލޯބި މަތިވެރިއެވެ. އަހަރުމެން ތިބީ ތަނަވަސް އެޕާޓުމަންޓެއްގައެވެ. އަހަރެންގެ ހުރިހާ ޚަރަދެއް ހަމަޖެހުނެވެ. އެލަވަންސެއް ވެސް އަހަންނަށް ދިނެވެ. ހެނދުނު ޒާމިރު ދިޔުމުން އަހަރެން ކުރާނެ އެހެން ކަމެއް ނޯވެއެވެ. އަހަރެން ގަސްތުކުރީ އަރަބި ދަސްކުރާށެވެ. ފޫހިފިލުވުމަށްޓަކައި ކުރަން އެ އަށް ވުރެ ރަނގަޅުކަމެއް އަހަންނަކަށް ނުވިސްނުނެވެ.
މިއަދު އަހަރެން ހިތަށްއަރައެވެ. އުނޭޒް ރުޅިވި ދުވަހު އަހަރެން ކިހާ ދެރަވި ހެއްޔެވެ؟ އެކަމަކު، އަހަރެން އުންމީދު ގެއްލުވައެއް ނުލަމެވެ. ތެދުވެރި އަޅާއަށް ﷲ އަބަދު ވެސް މަގެއް ދައްކަވާނެކަން ގަބޫލުކުރީމެވެ. ވަގުތު ނެގިއެވެ. ކެތްތެރިވާން ޖެހުނެވެ. ރާއްޖެއިން ފުރައިގެން ޖަޕާނާ ހަމައަށް ދާންޖެހުނެވެ. މަންޒިލު އަތުޖެހުނީ އެ ހިސާބުންނެވެ. ކޮންމެ ކަމެއް ވެސް މެދުވެރިވާނީ ކޮންމެވެސް ސަބަބަކަށްޓަކައެވެ. ޖެހޭނީ ހިތްވަރު ގަދަ ކުރާށެވެ. ހާލަތު ރަނގަޅުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާށެވެ. އެ އަށް ފަހު ﷲ އަށް އަހަރެން ވަކީލު ކުރީމެވެ. މަގު ދެއްކެވީ އަހަރެން ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. މިހާރު އަހަރުމެން މި ތިބީ މާލޭގައެވެ. ދިވެއްސާ އެއްވަރަށް އަރަބި ވެސް މިހާރު އެނގެއެވެ. ތަރުޖަމާއާ ނުލައި މާނަ އޮޅުންފިލައެވެ. ބޭނުން ނަމަ، ވަޒީފާއަށް ނުކުތުމުގެ އިޚުތިޔާރު ޒާމިރު ވަނީ ދީފައެވެ. އަހަރެންގެ ވަށައިގެން ވަނީ އުފާވެރިކަމެވެ. މިއީ، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ