29 ނޮވެމްބަރ 2018 - 07:43

ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރި ލަވަ "ދިލްބަރު" އިން ލިބުނު ބޮޑު މަޝްހޫރުކަމާ އެކު ބަތަލާ ނޯރާ ފަތެހީގެ މަގުބޫލުކަން ވެސް މިހާރު ވަނީ ވަރަށް މަތީގަ އެވެ.

ބޮޑެތި ފިލްމުތަކުން އޭނާ އަށް މިހާރު ހުށަހެޅުންތައް ވެސް އޮހެމުން އަންނަ އިރު، "ދިލްބަރު" ގެ އަރަބި ލަވައާ އެކު ވަރަށް އަވަހަށް ނޯރާ ބެލުންތެރިންނާ ބައްދަލު ކުރާނެ އެވެ. އެ ލަވައިގެ ޓީޒާއެއް ވެސް މިހާރު ދައްކާލައިފައިވާ އިރު، މުޅި ލަވަ ބެލުންތެރިންނަށް ދޫކޮށްލާނީ މާދަމާ އެވެ.
މި އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގައި އައިޓަމް ލަވައެއްގެ ގޮތުގައި ގެނެސް ދިން "ދިލްބަރު" އެހާ ބޮޑަށް ވައިގައި ހިފި އެއް ސަބަބަކީ އެ ލަވައިގެ ނޯރާ ދައްކުވައި ދީފައިވާ ޖާދުވީ ފަރި ހަރަކާތްތަކެވެ. އަނެއްކޮޅުން އެ ލަވަ ޒުވާން އަންހެން ލަވަކިޔުންތެރިތާ ނޭހާ ކައްކަރު ކިޔާފައިވާލެއް ވެސް އެހާ ޗާލެވެ.
ދެން އޮތީ މޮރޮކޯ އަށް ވެސް ނިސްބަތްވާ ނޯރާ ގެނެސްދޭ ދިލްބަރު" ގެ އަރަބި ލަވައިން ކިހާ ތަފާތު ކަމެއް ފެންނާނެތޯ ބަލައިލަން މަޑުކޮށްލައިގެން ތިބުމެވެ. "ދިލްބަރު" އަކީ 1999 ގައި ރިލީޒް ކުރި ސަންޖޭ ކަޕޫރާއި ސުޝްމިތާ ސެންގެ ފިލްމު "ސިރުފް ތުމް" ގެ ލަވައެކެވެ. އެ ލަވަ ކިޔާފައި ވަނީ އަލްކާ ޔަގްނިކް އެވެ.
ނޯރާގެ ކުރިއަށް ހުރި ފިލްމުތަކަކީ ސަލްމާން ހާނާ އެކު ކުޅޭ "ބާރަތު" އާއި ޖޯންއާ އެކު ކުޅޭ "ބަތުލާ ހައުސް" އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ވެސް ޑިޖިޓަލް ފްލެޓޯމަށް ތައްޔާރުވެ، އެކަމަށް ހާއްސަކޮށްގެން ސްޓޫޑިއޯއެއް ވެސް ހުޅުވައިފި އެވެ.
ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގާ ކަރަން ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ސްޓޫޑިއޯ އަށް ދީފައިވާ ނަމަކީ ދަރުމެޓިކް އެންޓަޓައިންމަންޓެވެ. އެތަނުގެ ފޮޓޯތަކެއް ވެސް ކަރަން ވަނީ ޓްވިޓާގައި ދައްކާލައިފަ އެވެ.
މި ސްޓޫޑިއޯ ހާއްސަ ވާނީ ޑިޖިޓަލް ފްލެޓްފޯމްތަކުން ސްޓްރީމް ކުރާ އެކި ކަހަލަ އުފެއްދުންތައް ތައްޔާރު ކުރާ ތަނަކަށެވެ. އެގޮތުން ވަރަށް ތަފާތު އަދި ވަރުގަދަ ކޮންޓެންޓް ހިމެނޭ ވެބް ސީރީޒްތަކާއި އެ ނޫން ވެސް އެކި ކަހަލަ އުފެއްދުންތައް ގެނެސް ދޭނެ އެވެ.
އިންޑިއާގައި ވެބް ސީރީޒްތަކަށް ލިބެމުން އަންނަ ބޮޑު ތަރުހީބާއި ވެބް ސީރިޒްތަކުގެ މާކެޓް ވެސް ފުޅާވަމުން އަންނަ އިރު، ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ފަދަ ވަރުގަދަ ސްޓްރީމުން ސާވިސްތަކުގެ ފޯކަސް މިހާރު އޮތީ ވަރަށް ބޮޑަށް އިންޑިއާ އަށް ހުއްޓިފަ އެވެ.
އެހެންވެ އެ ކުންފުނިތަކާ އެކު ކަރަންގެ ދަރުމެޓިކް އެންޓަޓައިންމަންޓް އަތު ގުޅައިލުމަކީ ވެސް ކުރިއަށް އޮތް ތަނުގައި ފެނިގެން ދާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ފީޗާ ފިލްމުތައް ގެނެސްދޭ ދަރުމާ ޕްރޮޑަކްޝަންގެ ގޮތްޕެއްގެ ގޮތުގައި ޓީވީ އިޝްތިހާރުތައް ހަދަން ދަރުމާ 2.0 ގެ ނަމުގައި ވެސް ކަރަން ވަނީ ގޮތްޕެއް އުފައްދައިފަ އެވެ. އެތަނުން މިހާތަނަށް އެތަކެއް ޓީވީ އިޝްތިހާރެއް ހަދާފައިވެ އެވެ.
ނެޓްފްލިކްސް އިން ސްޓްރީމް ކުރާ ގޮތަށް ގެނެސް ދޭން ނިންމާފައިވާ "ބާހްބަލީ" ވެބް ސީރީޒްގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފަށަން ނިންމައިފި އެވެ.
"ބާހުބަލީ: ބިފޯ ދަ ބިގިނިން" ގެ މައިގަނޑު ތަރިންނަކީ ރާހުލް ބޯސް އާއި މުރުނާލް ތާކޫރެވެ. މި ވެބް ސީރީޒް ގެނެސްދޭ ޓީމާއި ނެޓްފްލިކްސް އިން މީތި ރަސްމީކޮށް އިއުލާން ކުރީ މި މަހުގެ މެދުތެރޭގަ އެވެ.
މިއީ އެސްއެސް ރާޖަމޯލީ ގެނެސް ދިން "ބާހްބަލީ" ގެ ދެ ފިލްމުގައި ކިޔައި ދީފައިވާ ހާދިސާތަކުގެ ކުރިން ހިނގާފައިވާ ކަންތައްތަކެއް ހިމެނޭ ވެބް ސީރީޒެކެވެ.
"ބާހުބަލީ: ބިފޯ ދަ ބިގިނިން" އާ ބެހޭ ގޮތުން ރާހުލް ބުނީ އޭނާ އަށް ކުޅެން ލިބުނު ކެރެކްޓާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބޮޑު ރޯލަކުން ފެނިގެން ދާނެ ކަމަށެވެ. އޭނާ ވަނީ އެ ރޯލް ކުޅެން މިހާރު މަތިމަސް ވެސް ދިގުކޮށްފަ އެވެ.
އަދި ސްޓްރީމް ކުރަން ފަށާނެ އިރެއް އިއުލާންކޮށްފައި ނުވާ "ބާހުބަލީ: ބިފޯ ދަ ބިގިނިން" ގެ ވެބް ސީރީޒްގެ ފުރަތަމަ ސީޒަނުގައި ހިމެނޭނީ 9 އެޕިސޯޑެވެ.
މީގެ ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރުނީ، ވަގޫރު ޝެއިހް، ސިދާތު އަރޯރާ، ޖަމީލް ހާން އަދި އަނޫޕް ސޯނީ ވެސް ހިމެނެ އެވެ. އަދި ޑައިރެކްޓަރުންނަކީ ޕްރަވީން ސައްތަރޫ އާއި ދޭވަ ކައްޓާ އެވެ.
މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" އާއި "އަންދާދުން" ގެ އެކްޓަރު އަޔޫޝްމަން ކުރާނާ އާއިި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބަތަލާ ނުޝްރަތު ބަރޫޗާ، އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ ފިލްމަކަށް ސޮއިކޮށްފި އެވެ.
އަދި ނަން އިއުލާންކޮށްފައި ނުވާ މި ކޮމެޑީ ފިލްމުގެ ޑައިރެކްޓަރަކީ "ބޫމީ" އާއި "ފްރީކީ އަލީ" އަދި "ވެލްކަމް ބެކް" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު ރާޖް ޝަންދަލިޔާ އެވެ.
ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، އަޔޫޝްމަން ބުނީ އަލުން އެކްތާގެ ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.
ނުޝްރަތު މިހާރު އަންނަނީ ރާޖްކުމާރު ރާއޯއާ އެކު ކުޅޭ ހެންސަލް މެހެތާގެ "ތުއްރަމް ހާން" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.