30 ނޮވެމްބަރ 2018 - 09:44

ދެހާސް އެގާރައިގައި ރިލީޒްކުރި ދެކުނުގެ ކޮރެއާގެ ކާމިޔާބު ފިލްމު "ސަނީ" ގެ ރިމެކެއް "ބާއި ބާއި ބާއި" ގެ ނަމުގައި ހަދަން އެކްޓަރު ކެވިން ހާޓް ނިންމައިފި އެވެ.
މި ފިލްމު ސްކްރީނަށް ގެންނަން ނިންމާފައި ވަނީ ކެވިންގެ ފިލްމު ކުންފުނި ހާޓްބީޓް ޕްރޮޑަކްޝަނާއި ޔުނިވާސަލް ޕިކްޗާޒް ގުޅިގެންނެވެ.
"ބާއި ބާއި ބާއި" ގެ ސްކްރީންޕްލޭ ލިޔަން ހަވާލުކޮށްފައި ވަނީ އެޗްބީއޯގެ "އިންސެކިއޯ" ގެ ލިޔުންތެރިޔާ އެމީ އެނިއޯބީއާ އެވެ. ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.
ހައި ސްކޫލްގައި އެކީގައި އުޅުނު އަންހެނުންތަކެއް 20 އަހަރު ފަހުން ދިމާވެ، އެ މީހުންގެ މެދުގައި ހިނގާ ހެއްވާ މަޖާ ހާދިސާތަކެއް ކިޔައި ދިން ކޮމެޑީ/ޑްރާމާ "ސަނީ" އަކީ 2011 ގައި ދެކުނު ކޮރެއާގެ ސިނަމާތަކުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ.
މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކަންގް ހެޔޮންގް-ޗިއޯލް އެވެ. އެންމެ 5.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 51.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ސަނީ" ގެ ރިކެމެއް ގެނެސް ދޭން "ގެޓް ހާޑް" އާއި "ނައިޓް ސްކޫލް" ފަދަ ފިލްމުތައް ކުޅެފައިވާ ކެވިން ނިންމި ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި މީގެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ.
"ބާއި ބާއި ބާއި" ވެގެން ދާނީ ޔުނިވާސަލްއާ އެކު ކެވިން މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓަށެވެ. އޭނާގެ ކުރިއަށް އޮތް ކޮމެޑީ "ކޯ-ޕޭރެންޓިން" އަކީ ވެސް ޔުނިވާސަލްއާ ގުޅިގެން ހަދާ އެއްޗެކެވެ.