ވިލިނގިލި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ރޯވެ ފުލުހަކު ފިހިއްޖެ
ވިލިނގިލި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ރޯވެ ފުލުހަކު ފިހިއްޖެ

ގއ. ވިލިނގިލީގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ރޭ ދަންވަރު ރޯވެ، އެެއް ފުލުހަކު ފިހި، އެހެން ފުލުހަކު ޒަހަމް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު 1:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި، އެކޮމަޑޭޝަން ބްލޮކް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެކަކު ފިހުނު އިރު، އަނެކަކުގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"ފިހުނު މީހާގެ ހާލު ވެސް ސީރިއަސްއެއް ނޫން. ދެން އަނިޔާވި މީހާ އެތަނުން ނުކުންނަން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ކޮނޑުހުޅު ނެއްޓިގެން ދިޔައީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި ޒަހަމްވި ދެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގއ. އަތޮޅު ހޮސްޕިޓަލްގަ އެވެ. އެކަމަކު، ފަހުން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދެ މީހުން ބަދަލު ކުރި އެވެ. ފުލުހުން ބުނީ ދެ މީހުން މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިލިނގިލީގައި ދިރިއުޅޭ ބައެއް މީހުން "މިހާރު" އަށް ކިޔައި ދިން ގޮތުގައި އެންމެ ފުރަތަމަ ރޯވީ، ޒަހަމްވި ދެ ފުލުހުން ނިދާފައި ތިބި ކޮޓަރީގަ އެވެ. އަދި އެ ކޮޓަރީގައި ރޯވީ، ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާ ކުރެވޭ ކަމަށާއި އަލިފާން ނިއްވާލެވުނީ ފަތިސްވި ފަހުން ކަމަށް އޭނާ ބުންޏެވެ.

"ކޮޓަރީގައި ރޯވެ، އަލިފާން ގަނޑު ކޮންޓްރޯލް ނުވެ، ގޮސް މުޅި އިމާރާތަށް ފެތުރުނީ. އަލިފާންގަނޑު ނިއްވާލެވުނު އިރު، އިމާރާތް އެއްކޮށް ވަނީ އަނދައި ހުލިވެފައި،" ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ، އެ އިމާރާތުގައި ދިރިއުޅެމުން އައީ ގާތްގަނޑަކަށް 10 ފުލުހުން ކަމަށެވެ. އެކަމަކު، ރޯވި ވަގުތު އެ އިމާރާތުގައި ތިބީ ދެ ފުލުހުން އެކަނި ކަމަށް އޭނާ ބުންޏެވެ.