03 ޑިސެމްބަރ 2018 - 12:13

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސީއީއޯއަކަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗެއާމަނަކަށް ކުރިން ހުންނެވި ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އިއްޔެ އައްޔަން ކުރައްވައިފި އެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯއަކަށް ކުރިން ހުންނެވީ ފަރުހަތު ޝަހީރެވެ. ނަމަވެސް އާ ސަރުކާރު ވެރިކަމާ ހަވާލުވުމުން އޭނާ ވަނީ މަގާމުން ވަކިވެފަ އެވެ. އަދި އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސަލީމަކީ، އެމްޑީޕީގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކުރި އިރު އެމްއޭސީއެލްގެ ޗެއާމަނެވެ. އަދި އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް ބެލުމަށް ފަހު ޖެނުއަރީ، 16، 2014ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް ދައުލަތުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.