03 ޑިސެމްބަރ 2018 - 19:21

ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާ އިން ވަކިކޮށްފައިވާ ނުވަތަ ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުން ޝަކުވާ ހުށަހަޅަން ރައީސް އޮފީހުން ފޯމެއް ތައާރަފުކޮށް 30 ދުވަހުގެ މުއްދަތެއް މިއަދު ދީފި އެވެ.
ރައީސް އޮފީހުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް އެ ކޮމެޓީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ޝަކުވާ ހުށަހެޅުމުގެ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ވެބްސައިޓުން ވެސް ލިބެން ހުންނާނެ އެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެކި ސަބަބުތަކަށްޓަކައި، ފުލުހުންނާއި ސިފައިންގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ސިވިލް ސާވެންޓުންނަށް ވެސް އެކި ކަހަލަ ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައި ވެ އެވެ.
ނުހައްގުން ވަޒީފާ ގެއްލުވާލައި އަދި ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.