ކަންކަން ނިންމާނީ ޒުވާނުންގެ އަޑު އަހާފައި: މިނިސްޓަރު
ކަންކަން ނިންމާނީ ޒުވާނުންގެ އަޑު އަހާފައި: މިނިސްޓަރު

ރާއްޖޭގައި ޒުވާނުންގެ އާބާދީ ބޮޑު ކަމަށާއި އެ މީހުންނާ ގުޅުންހުރި ކަންކަމުގައި ގޮތް ނިންމާނީ ޒުވާނުންގެ އަޑު އެއްސެވުމަށްފަހު ކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓު ހިއްސާކުރަނީ 35 އަހަރުން ދަށުގެ މީހުން ކަމަށެވެ. އެހެންވެ ޕޮލިސީ އާއި ގޮތްތައް ނިންމާ ފެންވަރުގައި އެ ގާބިލް ޒުވާނުންނަށް ފުރުސަަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމުގައި ޒުވާނުންނަށް ބައިވެރިވެވޭނެ އެކި ގޮތްތައް ހޯދައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކަންކަން ނިންމާނީ އެމީހުން [ޒުވާނުން]ގެ އަޑުއަހާފައި. އެހެންވީމަ އެކަހަލަ ޕްލެޓްފޯމުތަކެއް އިރާދަކުރެއްވިއްޔާ ގާއިމްކުރާނަން.. މިއަށްވުރެ ބޮޑެތި ޕްލެޓްފޯމުތަކުގައި ޒުވާނުންނާ ގުޅުންހުރި އެކި މައްސަލަތަކުގައި ހިޔާލު ހޯދާނެ ގޮތް،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މަހުލޫފު ވިދާޅުވި އެވެ.

ޒުވާނުންނާ ގުޅުންހުރި ތަފާތު އެކި ދާއިރާތަކުން، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މުހިއްމު ކަންތައްތަކެއް ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން ބައެއް ކަންތައްތައް މިހާރު ވަނީ ހާސިލްކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ކުރާނެ ކަންކަމުގައި ޒުވާނުންނާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުން ފާހަގަކޮށްފައި ނުވިއަސް އެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ.

ޒުވާނުންނާ ގުޅުންހުރި އެކި ދާއިރާތަކުން މަސައްކަތް ކުރާއިރު ނުރައްކަލަށް ހުށަހެޅިފައިވާ މީހުންނަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން އޭނާ ވަނީ ގޭންގުތަކުގައި އުޅޭ ޒުވާނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައި އެކަންކަމަށް ހައްލެއް ގެނައުމަށް ދައުވަތު ދެއްވައިފަ އެވެ.

މަހުލޫފު ވިދާޅުވީ ގޭންގުތަކުގެ ޒުވާނުން މީހުން މެރުމާއި ގާނޫނާ ގަވާއިދާ ހިލާފު ކަންކަން ކުރުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ ޒުވާނުންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރެއްގެ ހައިސިއްޔަތުން އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.