09 ޑިސެމްބަރ 2018 - 13:36

ޗައިނާ އިން އެކްސްޕޯޓް ކުރާ މިންވަރު ދަށަށް ހިނގައްޖެ އެވެ.
ޗައިނާގެ އެކްސްޕޯޓް ކުރިން ލަފާކުރި ވަރަށް ވުރެ ދަށަށް މިދިއައީ ޗައިނާގެ މުދަލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ.
ޗައިނާގެ އެކްސްޕޯޓް ނޮވެމްބަރު މަހު 5.4 ޕަސެންޓަށް ކުރިއަރާނެ ކަމަށް މި އަހަރުގެ ކުރީ ކޮޅު އެ ގައުމުން ލަފާކުރި އެވެ. ނަމަވެސް ނޮވެމްބަރުގެ އެކްސްޕޯޓް އިތުރުވީ ތިން ޕަސެންޓަށެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޗައިނާގެ އެކްސްޕޯޓް ދަށް ދިޔައީ އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ އަރައިރުމުގެ ސަބަބުންނެވެ.
ނޮވެމްބަރު މަހުގެ އިތުރުން 2018 ގައި ޗައިނާ އަށް އިމްޕޯޓު މުދަލުން ލިބުނު މިންވަަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ދާދި ފަހުން އާޖެންޓީނާގައި ބޭއްވި ޖީ20 ސަމިޓްގެ ހަވާސާގައި އެމެރިކާ އާއި ޗައިނާގެ ވެރިން ވަނީ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް ނިންމެވީ އެއް ގައުމު އަނެއް ގައުމުގެ މުދަލުން ނަގާ ޓެކްސް މަޑުޖައްސާލުމަށެވެ. އެގޮތުން 90 ގެ މުއްދަތަކަށް އެ މަޑުޖައްސާލުން ދަމަހައްޓަން ވަނީ ނިންމައިފަ އެވެ.
އެކަމަކު މުދަލަށް އިތުރު ޓެކްސްއެއް ނެގުމާއި ނުނެގުން ބިނާވަނީ ދެ ގައުމުގެ ދެމެދުގައި ގާއިމްކުރާ ވިޔަފާރީގެ އާ އެއްބަސްވުމަށެވެ.