ޖާންވީ ކަޕޫރާ އެކު ދަލްގޫރު ސަލްމާން ބާ؟
ޖާންވީ ކަޕޫރާ އެކު ދަލްގޫރު ސަލްމާން ބާ؟

އިންޑިއާގެ ފުރަތަމަ އަންހެން ހެލިކޮޕްޓަރު ޕައިލެޓް އަދި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގައި މަސައްކަތްކޮށްފައިވާ ގުންޖަން ސަކްސޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދޭން ކަރަން ޖޯހަރު ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ވާހަކަ ދައްކާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އަދި އެ ފިލްމުގައި ގުންޖަންގެ ރޯލް ކުޅެން ޖާންވީ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ރަސްމީކޮށް ކަރަން އަދި މި ފިލްމު އިއުލާން ނުކުރާ ކަމެވެ. އެކަމަކު ފިލްމާ ބެހޭ ގޮތުން އަނެއްކާވެސް މިއޮތީ އާ ވާހަކައެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ގުންޖަންގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ޖާންވީ މިހާރު ހެލިކޮޕްޓަރު ދުއްވަން ދަސްކުރަމުން އަންނަ އިރު، ފިލްމުގެ ބަތަލަކަށް ވަނީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ޒުވާން އެކްޓަރު ދަލްގޫރު ސަލްމާން ހަމަޖައްސައިފަ އެވެ.

މިދިޔަ އޮގަސްޓް މަހު ރިލީޒް ކުރި "ކާރުވާ" އިން ބޮލީވުޑަށް ތައާރަފުވި ދަލްގޫރު މިހާރު އަންނަނީ ޖާންވީއާ ދެބޭންގެ ދެދަރި ބަތަލާ ސޯނަމް ކަޕޫރާ އެކު ވެސް ފިލްމެއް ކުޅެމުންނެވެ. އެއީ އަންނަ އަހަރުގެ އެލްރީލް 5 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ޒޯޔާ ފެކްޓާ" އެވެ.

ގިނަ ބަޔަކު މިހާރު ތިބީ ގުންޖަންގެ ބައޮގްރަފިކަލް ޑްރާމާ ކަރަން އިއުލާން ކުރާނެ އިންތިޒާރީގަ އެވެ.

ޖާންވީއަކީ އޭނާ މި އަހަރު ޕްރޮޑިއުސް ކުރި ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފު ކުރި ބަތަލާއެކެވެ. އަދި 21 އަހަރުގެ ބަތަލާ ވަނީ ކަރަން 2020 ގައި ގެނެސް ދޭން ނިންމާފައިވާ ތާރީހީ ފިލްމު "ތަހުތު" އަށް ވެސް ސޮއިކޮށްފަ އެވެ.