"އިސްތިރީ" ގެ ޓީމްގެ މެދުގައި ފައިސާގެ މައްސަލަތަކެއް
"އިސްތިރީ" ގެ ޓީމްގެ މެދުގައި ފައިސާގެ މައްސަލަތަކެއް

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އިސްތިރީ" ގެ ޕްރޮޑަކްޝަން ހައުސްތަކުގެ މެދުގައި ޖެހިފައިވާ ފައިސާގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އަމަރު ކޯޝިކް ޑައިރެކްޓްކޮށް، ރާޖްކުމާރު ރާއޯ އާއި ޝުރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު މި ފިލްމަކީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އާއި ރާޖް އެންޑް ޑީކޭގެ ޑީ2އާރް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ލިޔެ، ފިލްމަށް ޑައިރެކްޓަރަކު ހަމަޖެއްސީ ރާޖް އެންޑް ޑީކޭ އެވެ. އަމަރުއަކީ 2013 ގައި ރާޖް އެންޑް ޑީކޭ ލިޔެ، ޑައިރެކްޓް ކުރި ޒޮމްބީ ކޮމެޑީ "ގޯ ގޯއާ ގޯން" ގެ އެސިސްޓަންޓް ޑައިރެކްޓަރެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މެޑޮކް އާއި ޑީ2އާރް އިން "އިސްތިރީ" ހެދީ ދެ ކުންފުންޏަށް ވެސް ފިލްމުގެ ފައިދާ އިން އެއްވަރަކަށް ބައިއަޅާ ގޮތަށެވެ. އެގޮތުން މި ފިލްމުން ލިބުނު އާމްދަނީން ރާޖް އެންޑް ޑީކޭ އަށް ލިބެން ޖެހޭ 20 ކްރޯޑް ރުޕީސްގެ ތެރެއިން އެއްވެސް ފައިސާއެއް މިހާތަނަށް އެ މީހުންނަށް ދިނޭޝްގެ ފަރާތުން ނުލިބޭ ކަމަށްވެ އެވެ. އަދި މިކަމާ ގުޅިގެން ދިނޭޝް އާއި ރާޖް އެންޑް ޑީކޭގެ މެދުގައި އޮތް ގުޅުމަށް ވެސް ބުރޫ އަރާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައި ވަނީ "އިސްތިރީ" ގެ ހިއްސާ އިން ރާޖް އެންޑް ޑީކޭ އަށް ދޭން ޖެހޭ ފައިސާ ކުރިން ދީފައިވާ ކަމަށާއި ފުރަތަމަ އެއްބަސްވި ގޮތަށް ރާޖް އެންޑް ޑީކޭ ފިލްމުގެ މަސައްކަތުގައި ފަހުން އެއްވެސް ވަރަކަށް ހިއްސާ ނުވާ ކަމަށެވެ. އެގޮތުން ފިލްމަށް ކާސްޓުން ނަގައި، އެކަމަށް ވެސް ހަރަދު ކުރީ ދިނޭޝް ކަމަށްވާތީ ރާޖް އެންޑް ޑީކޭ އަށް ދޭން ޖެހޭ އިތުރު ފައިސާއެއް ނެތް ކަމަށްވެ އެވެ.

މި މައްސަލަގަނޑުގެ ވާހަކަ މީޑިއާތަކުގައި ފެތުރިފައިވީ ނަމަވެސް މިކަމާ ބެހޭ ގޮތުން ދިނޭޝް އާއި ރާޖް އެންޑް ޑީކޭ އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެންމެ 24 ކްރޯޑްގެ ބަޖެޓަކުން ހެދި "އިސްތިރީ" އަށް ބޮކްސް އޮފީހުގައި 180.76 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

ނަމަވެސް މިހާރު ސުވާލަކީ ދިނޭޝް ހިއްސާވާ ގޮތަށް ފިލްމުގެ ދެވަނަ ބައި ހަދަން ރާޖް އެންޑް ޑީކޭ "އިސްތިރީ" ގެ ސްކްރީންޕްލޭ ލިޔެދޭނެތޯ އެވެ. "އިސްތިރީ" ގައި ކިޔައި ދެނީ އިންޑިއާގެ ރަށްފުށުގައި ރޭގަނޑު ފިރިހެނުން "ޖިންނި ޖަހައިގެން" ގެންދާ ކަމަށް ގަބޫލު ކުރެވޭ ކުރެވުންތަކުގެ މައްޗަށެވެ. އެފަދަ ހާދިސާތަކުގައި ސަލާމަތް ވަނީ ފިރިހެން މީހާ ލައިގެން ހުންނަ ފޭރާން އެކަންޏެވެ.

"އިސްތިރީ" ގެ ކާމިޔާބިއާ ގުޅިގެން އަމަރު މިހާރު ވަނީ ދިނޭޝްގެ އިތުރު ފިލްމެއް ޑައިރެކްޓް ކުރަން ވެސް ސޮއިކޮށްފަ އެވެެ. އެއީ އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރު ލީޑް ރޯލް ކުޅޭ "ބާލާ" އެވެ.