12 ޑިސެމްބަރ 2018 - 16:16

ކުންފުންޏާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު 7،000 ކުންފުނި އުވައިލަން ޖެހޭނެ ކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، މިފަދަ އިސްލާހެއް ގެނައުމުން، މިދިޔަ 22 އަހަރުގައި ހަރަކާތްތެރި ނޫން ހުރިހާ ކުންފުންޏެއް އުވޭނެ ކަމަށެވެ. އެ 7،000 ކުންފުނި އުވައިލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 14،000 ހިއްސާދާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނިތައް އުވައިލުމަށްޓަކައި އަމަލު ކުރާނީ ވަކި ނިޒާމެއްގެ ތެރެއިން ކަމަށާއި އެގޮތުން އަންނަ ހަފްތާގައި އެކަމާ ގުޅޭ ގަވައިދެއް އެކުލަވައިލާނެ ކަމަށް ވިސާމް ވިދާޅުވި އެވެ. އަދި އެކުންފުނިތަކުން ދަރަންޏެއް ދައްކަން ޖެހޭނެކަން ބަލައި ދަރަނި ދެއްކުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ގޮތަށް ކުންފުނިތައް އުވައިލާނީ އެއްވެސް ފަރާތެއްގެ ހައްގެއް ނުގެއްލޭނެ ގޮތަކަށް ކަމަށެވެ.
ކޮންމެ އަހަރަކު އެވްރެޖްކޮށް 1،000 ކުންފުނި އަލަށް ރަޖިސްޓާ ކުރާއިރު އޭގެ ތެރެއިން 200 ކުންފުނިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި އެފަދަ ކުންފުނިތައް އުވައިލުމަށް މީގެ ކުރިން ގާނޫނީ އެއްވެސް ނިޒާމެއް ނޯންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.
ކުންފުނިތަކުން އަހަރީ ފީ ނުދައްކާ ނަމަ ޖޫރިމަނާވެ އެވެ.
"މި ގޮތަށް އިންއެކްޓިކް ކުންފުނިތަކުން އަޅުގަނޑުމެން ޖޫރިމަނާއެއް ނުނަގާނަން. ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އަކީ ދައުލަތަށް ނުލިބޭނެ އެއްޗެއް ގޮތުގައި އަޅުގަނޑުމެން މި ކަނޑައަޅަނީ،" އޭނާ ވިދާޅުވި އެވެ.
ކުންފުނިތައް އުވައިލާއިރު، އެ ކުންފުނިތަކާ ގުޅޭ އެެއްވެސް ދައުވާއެއް އޮތްތޯވެސް ބަލާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
އަހަރީ ފީ ނުދައްކާ ކުންފުނިތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މެދުވެރިކޮށް، އުވައިލެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ، ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.