13 ޑިސެމްބަރ 2018 - 11:30

ހއ. ވަށަފަރުގެ ކޯޓު އޮފިސަރު އަހުމަދު ޝަމީމް، 29، ރަސްމީ ވަގުތުތަކުގައި ބުރަކޮށް އުޅެނީ ޝަރުއީ އެކިއެކި ކަންކަމުގަ އެވެ. ރަސްމީ ގަޑި ނިމުމުން މަސައްކަތުގެ ވަރުބަލިކަން ފިލުވާލުމަށް އޭނާ ދެން ކުރާ ކަމަކީ ފަރުމަހަށް ދިއުމެވެ. ނަމަވެސް އެއީ ހަމައެކަނި މަސް ބާނަން ދާ ދަތުރެއް އެކަންޏެއް ނޫނެވެ. މިހާރު އެއީ ވެލާ ސަލާމަތް ކުރުމާ ވެސް ގުޅިފައިވާ ދަތުރެކެވެ.

ކުޑަ އިންޖީނު ދޯންޏެއްގައި އެކުވެރިއަކާ އެކު ނުވަތަ އާއިލާގެ މީހަކާ އެކު މަހަށް ނުކުންނަ ޝަމީމް، މި އަހަރު އެކަނި ވެސް ވަނީ ހަ ވެލައެއް ސަލާމަތްކޮށްފަ އެވެ. އެއީ މަސްވެރިން ކަނޑަށް ދޫކޮށްލައިފައި ހުންނަ ދާތަކުގައި ޖެހި ހައްޔަރުވެފައިވާ ވެލާތަކެވެ. ކަނޑުމަތިން ފެންނަ އެފަދަ ވެލާތައް ދޯންޏަށް ނަގައި އޮޅިފައި ހުންނަ ދާ ވަޅިން ކަނޑާލުމަށް ފަހު ޝަމީމް އެ ތަކެތި އަލުން ދޫކޮށްލަ އެވެ. އެ އުފާވެރި މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ އާއްމުކޮށްފަ އެވެ.

"މުޅިން ވެސް ފެންނަނީ ދޭތި [ދެ ވެލާ] ދަލުގައި އޮޅިފައި އޮއްވާ،" ޝަމީމް ބުންޏެވެ.
ވަށަފަރު ތިމާވެށީގެ ޖަމިއްޔާގެ ނައިބު ރައީސްކަން ވެސް ކުރާ ޝަމީމް ބުނިގޮތުގައި އެގޮތަށް ފެންނަ ވެލާތައް މިނިވަން ކުރުމަކީ އޭނާ އަށް ލިބޭ ބޮޑު އުފަލެކެވެ. ހިމާޔަތް ކޮށްފައިވާ ވެލާ ފަދަ ތަކެތި ހިފައި ބައެއް މީހުން ކައި އުޅުނަސް އެއީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ޝަމީމް ބުނެ އެވެ.
"ވަރަށް ގިނައިން މިހާރު ފެނޭ އެގޮތަށް [ދަލުގައި އެޅިފައި] ހުންނަ ވެލާ. ބައެއް އެއްޗެހި ހުންނަނީ މަރުވެފައި. އަނެއް ބައި އެއްޗެހި ވާ ކޮށާފައި ދޫކޮށްލަނީ."
ވެލާ ސަލާމަތް ކުރުމުން އަދި އޭނާގެ ޒިންމާ އަދާ ކުރެވުނީ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެކަމަށް އާއްމުން ހޭލުންތެރި ކުރުވަން ރަށު ފެންވަރުގައި އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވެލާގައި ދާ އޮޅެން ދިމާވާ ސަބަބަކީ ދިވެހިންގެ ކަމެއް ނޫން ކަމަށް ޝަމީމް ބުނެ އެވެ.
"އެއީ ބޭރުގެ މަސްވެރިން ދާ އަޅައިގެން މަސްވެރިކަން ކުރަން ބޭނުންކުރާ ދާ. ދާ އޮޅިގެން ބޭރުކަނޑުން އަންނަ އެއްޗެތި އެއީ،" އޭނާ ބުންޏެވެ. "ދާ އޮޅިފައި ހުންނާތީ އެ އެއްޗެހި އޮޔާ އެ އަންނަނީ. މިރަށު [ވަށަފަރު] ބޭރުން ވެސް، ކެލާ އަދި ފިއްލަދޫ ބޭރުން ވެސް އެގޮތަށް ފެނޭ."
ތިމާވެށީގެ ޖަމިއްޔާ ހިންގުމުގެ ތެރެއިން ޝަމީމަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ވެލަޔާ ދޯޅު މީހެކެވެ. ފޫހިފިލުވާލުމަށް މަހަށް ދާން ފެށި ޝަމީމްގެ އެހެން އަމާޒެއް ވެސް މިހާރު އެކަމުގައި އެބަ އޮތެވެ. އެއީ ވެލާ ފަދަ ތަކެތި ހިމާޔަތް ކުރުމެވެ.
އޭގެ އާބާދީ ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާ، ކަހަނބު ފަދަ ތަކެއްޗަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ކަނޑަށް އުކާލާ އެކި ކުނިބުނީގެ ސަބަބުންނެވެ. އެކަންކަން ހުއްޓުވުމަށާއި ހާލުގައި ޖެހިފައިވާ ވެލާ ސަލާމަތް ކުރާ ވީޑިއޯތައް ދޭތެރެ ދޭތެރެއިން އާއްމުވެ އެވެ. އެއީ ގިނަ ބައެއްގެ ތައުރީފް ލިބޭ މަސައްކަތެކެވެ.