"އެލިޒަބަތު" ސީރީޒްގެ އިތުރު ފިލްމެއް ޝޭކަރު ކަޕޫރު ހަދަން ނިންމައިފި
"އެލިޒަބަތު" ސީރީޒްގެ އިތުރު ފިލްމެއް ޝޭކަރު ކަޕޫރު ހަދަން ނިންމައިފި

އޮސްކާ އެވޯޑް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ޝޭކަރު ކަޕޫރް ކުރިން ހަދާފައިވާ ހޮލީވުޑްގެ ފިލްމު ސީރީޒް "އެލިޒަބަތު" ގެ އިތުރު ބައެއް ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެވެ.

ޝޭކަރު ވަނީ 1998 ގައި "އެލިޒަބަތު" އާއި 2007 ގައި "އެލިޒަބަތު: ދަ ގޯލްޑެން އޭޖް" ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އެ ދެ ފިލްމުގައި ޓައިޓްލް ރޯލް ކުޅުނީ އޮސްޓްރޭލިއާގެ ބަތަލާ ކޭޓް ބްލެންޝެޓް އެވެ.

ވެރައިޓީން ބުނީ "އެލިޒަބަތު" ގެ ތިން ވަނަ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ޝޭކަރުއާ އެކު ސްކްރީންޕްލޭ ލިޔުމުގައި ހިއްސާ ވަނީ މައިކަލް ކޫންޒް އާއި ސިލްވެސްޓާ ލެވީ ކަމަށެވެ.

ފިލްމުގެ ޝޫޓިން ޖަރުމަނުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މި ފަހަރުގެ ފިލްމުގައި ވެސް އެލިޒަބަތުގެ ހަޔާތުގެ މުހިއްމު ސޮފުހާތަކެއް ގެނެސް ދޭނެ އެވެ. ނަމަވެސް ފިލްމުގެ ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

ހިންދީ ފިލްމު މާސޫމް (1983) އާއި މިސްޓަ އިންޑިއާ (1987) އަދި ބެންޑިތު ކުއީން (1994) ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޝޭކަރް، 73، އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2009 ގެ ހޮލީވުޑް ފިލްމު "ޕެސެޖް" އެވެ.

އޭނާ ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލަށް ލައިގެން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ ގުޅިގެން "ޕާނީ" ކިޔާ ފިލްމެއް ހަދަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ޕްރޮޖެކްޓް ވަނީ ފަހުން ހުއްޓިފަ އެވެ.

"އެލިޒަބަތު" ސީރީޒްގެ އިތުރު ފިލްމެއް ޑައިރެކްޓް ކުރަން ޝޭކަރު ނިންމި އިރު، އޭނާ ވަނީ ޔޫއޭއީގެ ތަރައްގީގެ ބާނީގެ ގޮތުގައި ދެކޭ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާން ހަޔާތުގެ ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމުގެ ޑައިރެކްޝަނާ ވެސް ހަވާލުވެފަ އެވެ.

އަދި ބުރޫސް ލީގެ ބަޔޮޕިކް "ލިޓްލް ޑްރެގަން" އަކީ ވެސް ޝޭކަރުގެ އަތުގައި އޮތް ފިލްމެކެވެ.