15 ޑިސެމްބަރ 2018 - 12:39

ކަރްނާޓަކާ (ޑިސެމްބަރު 15) - އިންޑިއާގެ ފައްޅިއެއްގައި ބޭއްވި ހަފުލާއެއްގެ ތެރޭގައި ކުނިވެފައި ހުރި ބަތެއް ކައިގެން 11 މީހުން މަރުވެ އެތައް ބަޔަކު ބަލިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގައި ހިނގި މި ހާދިސާއާ ގުޅިގެން 70 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ މީގެ ތެރެއިން 11 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ކަރްނާޓަކާގެ ހެލްތު އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ ބަތް ކުނިވެ، ވިހަވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
"އަހަރެމެންނަށް ދިނީ ޓޮމާޓޯ ބަތް. އެ ބަތުން ކުނިވަސް ވެސް ދުވި،" ހަފުލާގައި ބައިވެރިވި މީހަކު ބުންޏެވެ. "އެ ބަތް ނުކައި އުކާލި މީހުން ރަނގަޅު. ބަތް ކޭ މީހުން ހޮޑުލައި ބަނޑުގައި ރިއްސަން ފެށި."
ކަރްނާޓަކާގެ ޗަމަރަނަގަރުގެ ފައްޅިއެއްގައި މި ހަފުލާ ބާއްވާފައި ވަނީ ދީނީ މުނާސަބަތެއްގަ އެވެ. މި ހާދިސާގެ ޚަބަރު ސޯޝަލް މީޑިއާގައި ފެތުރެން ފެށުމާ އެކު ބައެއް މީހުންނަށް ވަނީ ޝޮކް ލިބިފަ އެވެ.