15 ޑިސެމްބަރ 2018 - 17:05

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެ ކްލަބުގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމައިފި އެވެ.

އެ ކްލަބުގެ މާކެޓިން އައި ފައިނޭންސް ބައިގެ ނައިބް ރައީސްގެ މަގާމަށް މާއްޓޭ ވާދަކުރާއިރު އޭނާ ވަނީ ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ކުޅިވަރު ހިންގުމާއި މާކެޓިންގެ ދާއިރާ އިން މިދިޔަ ތިން އަހަރު ތެރޭ މަތީ ތިން ފާހެއް ހާސިލްކޮށްފަ އެވެ. އެއީ ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް، އިންޓަނޭޝަނަލް ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެކެވެ.

އޭނާ ވިކްޓްރީ އަށް އެނބުރި އަންނަނީ ވެއްޓިފައި އޮތް އެ ކްލަބް ނަގައި ކޮޅަށް ޖަހަން ކްލަބުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޑރ. އަހުމަދު ނާޝިދު (ނާޝް) ކުރައްވާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގަ އެވެ. އެގޮތުން އިންތިހާބު ބާއްވަނީ، މި ޓީމަށް ފުރުސަތު ދޭން ވެގެން މިހާރުގެ ބައެއް ބޯޑް މެމްބަރުން އިސްތިއުފާދޭތީ އެވެ. އެހެންވެ މާއްޓޭ އާއި ދެން ވެސް ތިބި މެމްބަރުންނަށް ބޯޑަށް ވަދެވޭނެކަން ވަރަށް ޔަގީނެވެ.

ވިކްޓްރީގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ކެނެރީ އަބްދުއްސައްތާރުގެ ބޭފުޅެއް ކަމަށްވާ ނާޝް ދާދި ފަހުން "މިހާރަ"ށް ވިދާޅުވީ ކްލަބުގެ ހާލަތު ރަނގަޅުކުރަން އޭނާއާ އެކު ތިބީ "ވިކްޓްރީ ބަލިވީމާ އަދި މޮޅުވީމާ އެކުރެވޭ އިހުސާސް އެނގޭ މީހުންތަކެއް" ކަމަށެވެ. މާއްޓޭގެ އިތުރުން ކުރީގެ ކުޅުންތެރިޔާ އިބްރާހިމް އިސްމާއިލް އަދި ކުރީގެ ފޯވާޑް އިބްރާހިމް ފާއިގް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ވިކްޓްރީގެ ކުޅުންތެރިންނަށް މި އަހަރު މުސާރަ ނުދޭތާ އެތައް ދުވަސްތަކެއް ވެފައިވާއިރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗަކަށް އެ ޓީމުން ހާޒިރުނުވެ ދިޔަ އެވެ. އަދި ޗެއާޕާސަން މުހައްމަދު އިސްމާއީލާއި ވައިސް ޗެއާޕާސަން އަލީ އާރިފް ވަނީ އޮކްޓޯބަރު މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމުން ދޭ ފައިސާ ވެސް ދީފައިވަނިކޮށް އެ ކްލަބް އެ ހާލަތައް ވެއްޓުނީ ރަނގަޅަށް ނުހިންގިގެން ކަމަށް އެފްއޭއެމުން ވެސް ވަނީ ބުނެފަ އެވެ.
އެކަމަކު ހަގީގަތުގައި 2012 ވަނަ އަހަރުން ފެށިގެން އެ ކްލަބް އޮތީ "ނުމެ ކެވި ނުމެ ދިރި" އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.
ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީ ކަމަށްވާ، 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ގޯލް ބެލެހެއްޓި މާއްޓޭ ބުނީ އިންތިހާބު ކާމިޔާބުވެ ވިކްޓްރީ އަށް ހިދުމަތްކުރަން ފުރުސަތު ލިބިއްޖެ ނަމަ ވިކްޓްރީގެ ގެއްލިފައިވާ ނަމާއި ކާމިޔާބީ އަލުން ގެނައުމަށްޓަކައި، ކްލަބް ވަރުގަދަކުރުމަށް ފަރުވާތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކްލަބުގެ ސަޕޯޓަރުންނާއި މެމްބަރުންނަށް ދޭ ކަމަށެވެ.
"ވިކްޓްރީ ސްޕޯޓްސް ކްލަބަކީ ބްރޭންޑް ނަމެއް އަދި ބޮޑެތި ކާމިޔާބީތަކާއި އަގުވަޒަންކުރުންތަކެއް މާޒީގައި ހާސިލްކޮށްފައިވާ ކްލަބެއް،" ގެއްލިފައިވާ ޝަރަފް އަނބުރާ ހޯދައި އެންމެ ނަން ހިނގާ ކްލަބަށް ހެދުމަށް އެންމެން އަތާއި އަތް ގުޅާލަން އޭނާ ގޮވާލަމުން މާއްޓޭ ބުންޏެވެ.
ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު އަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.
އެ ކާމިޔާބީތަކުގައި މާއްޓޭގެ ހިއްސާ ވަރަށް ބޮޑެވެ. އޭނާ އަކީ އެ ކްލަބުން 1985 ވަނަ އަހަރު ތަށި މިލްކުކުރިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. ފައިނަލުގައި ނިއުގެ މޫސާމަނިކު (ކުޑަމޫސަ) ޖެހި ޕެނަލްޓީ މަތަކޮށް އަދި އޭނާ ވެސް ޕެނަލްޓީއެއް ވައްދާލި އެވެ. ނިއުގެ ސަޕޯޓަރުން ރޮއްވާލި އެ ދުވަހަށް ފަހު، ދާދި މިދާކައްދުވަހާ ހަމަޔަށް ވިކްޓްރީ ވެފައި އޮތީ ނިއު އެންމެ ޖެހިލުންވާ ކްލަބުގެ ގޮތުގަ އެވެ.
ފަހުން ވެލެންސިއާ އަށް ވެސް ކުޅުނު މާއްޓޭ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރޮފެޝަނަލީ ކޯޗިން ފެށި އެކެކެވެ. އެގޮތުން ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެ 2002 ވަނަ އަހަރުގެ ގައުމީ ތަށި މިލްކުކޮށްދިނެވެ. މާއްޓޭ ވަނީ ފަހުން އައިއެފްސީ އާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ވެސް ފުރި މާއްޓޭ ފުޓްބޯޅައިގެ ޓެކްނިކަލް ދާއިރާގައި މިހާތަނަށް މަސައްކަތްކުރި ނަމަވެސް، ރަސްމީ ހައިސިއްޔަތުން ފުޓްބޯޅައިގެ މެނޭޖްމަންޓުގެ ދާއިރާ އިން ވަދެފާނެ ކަމުގެ ކުލަވަރުތައް އައީ ފެންނަމުންނެވެ.
ޔުނައިޓެޑް ނޭޝަންސްގެ ވަޒީފާއެއްގައި ލ. އަތޮޅުގައި މިދިޔަ އަހަރުތަކުގައި މަސައްކަތްކުރި މާއްޓޭ، ކުޅިވަރު ހިންގުމުން މަތީ ފާސް ނެގުމަށް ފަހު ބުނީ އެފްއޭއެމުން ޕްރޮފެޝަނަލީ މަސައްކަތްކުރާނެ ފުރުސަތު ދީފި ނަމަ އިޖާބަ ދީފާނެ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ފުޓްބޯޅައިގެ މެނޭޖްމަންޓް އެއީ ރާއްޖޭގައި ތަރައްގީކުރަން ޖެހޭ މުހިއްމު ދާއިރާއެކެވެ. އެގޮތުން ރާއްޖޭގެ ކްލަބްތަކާއި ކުޅިވަރުގެ މުއައްސަސާތައް ހިންގާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ވިޔަފާރީގެ މޮޑެލަށް އެފަދަ ތަންތަން ރި-ސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ބުންޏެވެ.
"އެކަމަށްޓަކައި އެބަ ބޭނުންވޭ ކުޅިވަރުގެ ބެކްގްރައުންޑް ހުރި ތައުލީމީ ފާސްތައް އޮތް ޕްރޮފެޝަނަލުން،" މާއްޓޭ ބުންޏެވެ. "ލީޑާޝިޕުން އެބަޖެހޭ ސިސްޓަމް ބަދަލުކުރުމަށްޓަކައި، އެފަދަ ފަރާތްތަކަށް އިތުބާރުކޮށް ސަޕޯޓް ދޭން."
މާއްޓޭގެ ގްރޫޕުން ވިކްޓްރީ ހިންގަން ވެސް ވިސްނަނީ ދެމެހެއްޓެނެވި އުސޫލަކުންނެވެ. އެގޮތުން ނާޝް ވިދާޅުވީ ވިސްނުން ހުރީ ބޮޑު ބަޖެޓަކާ އެކު މަސައްކަތްކުރުން ނޫން ކަމަށާއި އެކަމަކު ސަރުކާރުން ދެއްވާ ބަޖެޓާއި އެހެނިހެން ގޮތްގޮތުން ލިބޭ ބަޖެޓުން ކްލަބް ދެމެހެއްޓެނެވި ގޮތަކަށް ހިންގުން ކަމަށެވެ.
"ބޮޑު އައިޑިއާ އަކީ ސަރުކާރުން ދޭ ބަޖެޓާއި ރެއިސްކުރެވޭ ބަޖެޓުގެ ތެރެއިން ކްލަބް ހިންގުން. އެހެން އެކަން ނުކުރެވޭނެތޯ ރަނގަޅު ސްޓްރަކްޗާއަކާ އެކު؟،" ނާޝިދު ވިދާޅުވި އެވެ.