ފަސް ދުވަސްވީއިރު ވެސް ކުޑަ ކުރި އަގުތައް އިއުލާނު ނުކުރޭ
ފަސް ދުވަސްވީއިރު ވެސް ކުޑަ ކުރި އަގުތައް އިއުލާނު ނުކުރޭ

އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އާ އަގުތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ސަރުކާރުން މިދިޔަ ބުދަ ދުވަހު ބުނި ނަމަވެސް އޭގެ ފަހުން ފަސް ދުވަސް ވެއްޖެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން މިވަނީ ފަސް ދުވަސް ފާއިތުވެގެން ގޮސްފަ އެވެ. އަދި މިހާތަނަށް އުދުހުންތަކުގެ އަގުތަކަށް ގެންގަނީ ކޮން ބަދަލެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަގުތައް ނިންމުމަށް ފަހު ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށާއި އެކަމުގައި މިނިސްޓްރީންް ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް އަލީ ނަޝާތު ވިދާޅުވީ، އުދުހުންތަކުގެ އަގުތައް، ވަރަށް އަވަހަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އަދި މިހާތަނަށް އަގުތަކަށް ބަދަލު ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކަށް ބަދަލު ގެނައުމާ ގުޅޭ މަސައްކަތުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އައިޝާ ވިދާޅުވި އެވެ. އެކަމުގައި ދެން އޮތީ އަގުތައް ފައިނަލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮ ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެއިން ފުރަތަމަ 30 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަމެކެވެ. ވައުދު ފުއްދުމުގައި ސަރުކާރުން ދުވަސް ގުނަނީ ހަމައެކަނި ރަސްމީ ބަންދު ދުވަސްތައް އެކަނި ކަމަށް ވާތީ 30 ދުވަސް ހަމަވާނީ މި މަހުގެ 31 އަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގައި ވެސް ވަނީ މޯލްޑވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފަ އެވެ. އޭރު އެބަދަލު ގެނެސްފައި ވަނީ ތެލުގެ ޑިއުޓީ ކުޑަ ކުރުމާ ގުޅިގެންނެވެ. އެފަހަރު މޯލްޑިވިއަން އިން ވަނީ އެތެރޭގެ އުދުހުންތަކުން ކޮންމެ ކޮޅަކަށް 100ރ. ހެޔޮކޮށްފަ އެވެ.

އަގުތައް ހެޔޮކުރާނެ ކަމަށް މިނިސްޓަ އިއުލާނުކުރައްވާފައިވާ އިރު ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ކުރި އެކި ދަތުރުތަކުގެ އަގުގެ ގޮތުގައި ޕީޕީއެމުން މޯލްޑިވިއަން އަށް ދައްކަން އޮތް 4.8 މިލިޔަން ރުފިޔާ، ސަރުކާރު ބަދަލުވި އިރު ވެސް އެ ޕާޓީން ދައްކައިފައެއް ނުވެ އެވެ. އެކަމަކު ޕީޕީއެމުން ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާރު ވަނީ އެއް މިލިޔަން ރުފިޔާ ދައްކައިފަ އެވެ. މޯލްޑިވިއަނުން ވަނީ ބާކީ ނުލިބިވާ 3.8 މިލިޔަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އައިލެންޑް އޭވިއޭޝަނުން މި އަހަރު ވަނީ އެ ކުންފުނީގެ ފައިދާގެ ގޮތުގައި 27.5 މިލިއަން ރުފިޔާ ސަރުކާރަށް ދީފަ އެވެ.