ލޯބިވެރިޔާ ހޯދަން ޕާކިސްތާނަށް ދިއުމުން ޖަލަށްލި އިންޑިއާ މީހާ ދޫކޮށްލައިފި
ލޯބިވެރިޔާ ހޯދަން ޕާކިސްތާނަށް ދިއުމުން ޖަލަށްލި އިންޑިއާ މީހާ ދޫކޮށްލައިފި

ލާހޯރު (ޑިސެމްބަރު 19) - ލޯބިވެރިޔާއާ ބައްދަލު ކުރަން ޕާކިސްތާނަށް ދިއުމުން އެ ގައުމުގެ ޖަލުގައި ހަ އަހަރު ހޭދަކުރަން ޖެހުނު އިންޑިއާ މީހާ އިއްޔެ މިނިވަންކޮށްފި އެވެ.

ހާމިދު ނިހާލް އަންސާރީ ނަމަކަށް ކިޔާ މީހާ އަފްޣާނިސްތާނުން ޕާކިސްތާން އެތެރެވީ 2012 ވަނަ އަހަރު އެވެ. އެކަމަކު ޖާސޫސް ކުރަން އުޅުނު ކަމަށް ބަލައި 2015 ވަނަ އަހަރު އޭނާގެ މައްޗަށް ކުށް ސާބިތުވި އެވެ. އޭނާ އަތުލައިގަތް އިރު ގެންގުޅުނީ ޕާކިސްތާނުގެ ފޭކް އައިޑެންޓިޓީ ކާޑެކެވެ.

ކޯޓުގައި އަންސާރީގެ ވަކީލް ގާޒީ މުހައްމަދު އަންވަރު ބުނެފައި ވަނީ ޕާކިސްތާނަށް ދިޔައީ ފޭސްބުކުން ދިމާވެ، ފަހުން ލޯބީގެ ގުޅުން އުފެދުނު ބައިވެރިޔާއާ ބައްދަލު ކުރަން ކަމަށެވެ.

"އެކަމަކު އަންހެން ކުއްޖާގެ ގެއަށް އަންސާރީ ދިޔަ އިރު އެ ތަނުގައި ފުލުހުން ތިބި. އަދި ވަގުތުން އޭނާ ވަނީ ހައްޔަރުކޮށްފައި،" އަންވަރު ބުންޏެވެ.

އޮންލައިންކޮށް އޭނާއާ ދިމާވި ލޯބިވެރިޔާއާ ބައްދަލުވި ކަމެއް ނޭނގެ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އަންސާރީ ދޫކޮށްލާފައިވާ ކަމަށާއި އޭނާ ލާހޯރުން އިންޑިއާ އަށް ދާނީ އެއްގަމު މަގުން ކަމަށެވެ. އިންޑިއާ އާއި ޕާކިސްތާން ގުޅޭ ވަގާހް ބޯޑަރުން އަންސާރީއާ އިއްޔެ ވަނީ އޭނާގެ އާއިލާ މީހުން ބައްދަލުކޮށްފަ އެވެ.

އިންޑިއާގެ ކަމާބެހޭ އޮފިޝަލުން ވެސް ވަނީ އަންސާރީ ދޫކޮށްލިކަން ޔަގީންކޮށްދީފަ އެވެ.

"އިންޑިއާގެ ރައްޔިތަކަށް ޕާކިސްތާނުގެ ޖަލުގައި ހަ އަހަރު ދުވަސް ވަންދެން ލިބެމުން ދިޔަ އަނިޔާތައް ނިމުމަކަށް އަތުވެއްޖެ،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.