ކީމޯތެރަޕީން ކިޑްނީ އަށް ގެއްލުންވެދާނެ
ކީމޯތެރަޕީން ކިޑްނީ އަށް ގެއްލުންވެދާނެ

ކެންސަރަށް ދޭ ކީމޯތަރަޕީ އާއި އެ ބައްޔަށް ބޭނުން ކުރާ ބޭހުގެ ސަބަބުން ކިޑްނީ އަށް ސީރިއަސް މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކެނެޑާގެ ޓޮރޮންޓޯ ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ކީމޯތެރަޕީގެ ފަރުވާ ނަގަން ޖެހޭ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ އޭގެ ސަބަބުން ކިޑްނީ އަށް އެކި ކަހަލަ މައްސަލަތައް ދިމާވެ، ޑައިލިސިސް ހަދަން ޖެހޭ މީހުންނެވެ.

ނެޝަނަލް ކެންސާ އިންސްޓިޓިއުޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ކެންސަރު ބަލީގެ ކުރީކޮޅުގައި ފަރުވާދޭ މީހުންނާ އަޅާބަލާ އިރު، ކެންސަރުގެ މަތީ ސްޓޭޖަކަށް ގޮސް ފަރުވާ ހޯދާ މީހުންގެ ތެރެއިން 41 ޕަސަންޓް މީހުންނަކީ ކިޑްނީގެ މައްސަލަތައް ކުރިިމަތިވުމުގެ ފުރުސަތު ބޮޑު މީހުންނެވެ.

"އެހެންވެ އެބަ ޖެހޭ ކެންސަރަށް ފަރުވާ ހޯދުމާ އެކު ކިޑްނީގެ މައްސަލަތަކަށް ވެސް ހާއްސަ ސަމާލު ކަމެއް ދޭން. އަދި މިކަމަށް ހޭލުންތެރިވުމަކީ ވެސް ވަރަށް މުހިއްމު،" ދިރާސާ ޓީމްގައި ހިމެނޭ ޑރ. އަބިޖާތު ކިޗްލޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަށިގަނޑުގައި އުފެދޭ ގިނަ ޓިއުމަރުތަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ބޭހާ އެކު އެ ޓިއުމަރުތައް ނައްތައިލެވެނީ ކިޑްނީ މެދުވެރިކޮށެވެ. ނަތީޖާއެއްގެ ގޮތުން ކިޑްނީގެ ބައެއް ސެލްތައް މަރާލައި، ކިޑްނީ އަށް ނޭދެރޭ އަސަރުތައް ކުރުވަ އެވެ. އެފަދަ ބޭސްތަކުގެ ތެރޭގައި އައިބީޕްރޫފެން އެހެނިހން ނަން-ސްޓެރޮއިޑަލް އެންޓި-އިންފްލެމެޓްރީ ޑްރަގްސް (އެންއެސްއޭއައިޑީސް) އާއި ލޭގެ ޕްރެޝަރަށް ކޮންޓްރޯލް ކުރަން ބޭނުން ކުރާ ބޭހާއި ވޯޓަ ޕިލްސް (ޑިއުރެޓިކްސް) ހިމެނެ އެވެ.

"ރަނގަޅު މިންވަރަކަށް ޑިހައިޑްރޭޝަން ލެވެލް ހިފަހެއްޓުމަކީ ކިޑްނީގެ މަސައްކަތްތައް ކުއްލިއަކަށް ހުއްޓުން ކުޑަކުރެވިދާނެ ގޮތެއް އަދި ބައެއް ހާލަތްތަކުގައި ބޭނުން ކުރާ ބޭހުގެ ސަބަބުން ކިޑްނީ އަށް ގެއްލުންވުމުގެ ފުރުސަތު ވެސް ބޮޑު." އަބިޖާތު ވިދާޅުވި އެވެ.