20 ޑިސެމްބަރ 2018 - 22:48

އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އުރީދޫން ރާއްޖެ އަށް މިރޭ ތައާރަފް ކޮށްފި އެވެ.

އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތާ އެކު، އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އަޖުމަ ބެލުމުގެ ގޮތުން މުޅިން ހިލޭ ހަތް ދުވަހަށް ބޭނުން ކުރެވޭނެ އެވެ. އަދި ފުރަތަމަ ހަ މަހަށް، މަހަކު އެންމެ 49 ރުފިޔާގެ ފީ އަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުން ކުރެވޭނެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި، އެ ޚިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، މިފަދަ ޓެކްނޮލޮޖީގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެ މީހުންގެ ހިތްހަމަޖެހުމާއި ތަރައްގީ އަށް އެޅޭ ބޮޑު ބިންގަލެއް ކަމަށެވެ.
ޕްރައިމް ވީޑިއޯ މެމްބާޝިޕް ޚިދުމަތް ބޭނުން ކުރުމަށް 5 ޖީބީގެ ޑޭޓާއާ އެކު މަހަކު 191 ރުފިޔާގެ އޮފާއެއް ވެސް އުރީދޫގެ ކަސްޓަމަރުންނަށް ވަނީ ތައާފަރް ކޮށްފަ އެވެ. މި ޚިދުމަތް މައިއުރީދޫ އެޕް، ވެބްސައިޓް އަދި ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.
"ޑިޖިޓަލް އިންގިލާބާ އެކު، އަޅުގަނޑުމެން މުނިފޫހިފިލުވާ ގޮތްތަކާއި ވަސީލަތްތައް މިއަދު މިވަނީ މުޅިން ބަދަލުވެފަ އެވެ. ޓީވީ ޝޯ ތަކާއި ފިލްމު އަދި މިއުޒިކާއި އިތުރު އެހެނިހެން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ބޭނުން ކުރުމަށް އިންޓަނެޓް އިހްތިޔާރުކުރާ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، އެމޭޒަންއާ ގުޅިގެން މިއަދު މި ތައާރަފް ކުރެވުނު ޕްރައިމް ވީޑިއޯގެ ހިދުމަތުން މުނިފޫހިފިލުވުމަށް މަގުފަހިވެ އިތުރަށް ފަސޭހަ ވެގެންދާނެ،" އުރީދޫން ނެރުނު ބަޔާނުގައި ވެ އެވެ.
އެމޭޒަން ޕްރައިމް ވީޑިއޯ އަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ ސީރީޒްތަކާއި އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލް ފަދަ މުނިފޫހިފިލުވައިދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ހިދުމަތެކެވެ.
ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާ އެކު، ސްޓްރީމްކޮށް ޑައުންލޯޑް ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާ މިހިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކް ރަޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިން، ދަ ގްރޭންޑް ޓުއާ ފަދަ ސީރީޒްތައް ހިމެނެ އެވެ.
މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި އެމޭޒަން ޕްރައިމްގެ ހިދުމަތް ލޯންޗުކުރުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ގިނަ ބޭންޑްތައް ބައިވެރިވި އެވެ. އެގޮތުން 'ޓޫ ސެންޓްސް'، ހަބޭސް ބޮޑުބެރު އަދި ލެވިޓޭޝަން ބައި ހަބޭސްވެސް ބައިވެރިވި އެވެ.