ވިކްޓްރީން ދެ ލައްކަ ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެ ކުރި ދައުވާ ސާބިތެއް ނުވި
ވިކްޓްރީން ދެ ލައްކަ ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެ ކުރި ދައުވާ ސާބިތެއް ނުވި

ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ކުރި ދައުވާއެއް ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވިކްޓްރީ އަތުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ސަން ލޭންޑް ޓްރެވަލްސް އިން ދައުވާކުރީ އެ ކްލަބުން 2011 ގައި ނެގި ޓިކެޓްތަކަކަށް ލިބެންޖެހޭ 15،000 ޑޮލަރު (230،000ރ.) ނުލިބޭ ކަމަށް ބުނެ އެވެ.

އެކަމަކު މިދިޔަ އަންގާރަ ދުވަހު ކޯޓުން ހުކުމްކުރީ އެ ފައިސާއަކީ ވިކްޓްރީން ދައްކަންޖެހޭ ފައިސާއެއް ކަން ސާބިތުނުވާ ކަމަށެވެ.

ފަހުން ފައިސާ ދޭ ގޮތަށް ޓިކެޓް ނަގާފައި ނުވާނެ ކަމަށް ވިކްޓްރީން ބުނާއިރު އެ ކްލަބަށް ފޮނުވި ކަމަށް ސަން ލޭންޑުން ބުނާ އިންވޮއިސްތަކަކީ ވެސް އެ ކްލަބަށް ލިބިފައިވާ އެއްޗެއް ނޫން ކަމަށް ވިކްޓްރީން ބުނާ ކަމަށް ހުކުމުގައިވެ އެވެ. ކޮންމެ މީހަކަށް ވެސް އިންވޮއިސެއް ހެދިދާނެ ކަމަށާއި ޚިދުމަތެއް ދިން ކަން އެނގެން ނެތީސް ހަމައެކަނި އިންވޮއިސެއް ހުށަހެޅުމަކީ ދައުވާ ސާބިތު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ވިކްޓްރީން ސަން ލޭންޑަށް 2011 ގައި ދޫކުރި ޗެކެއް، އެ ދައުވާ ސާބިތުކުރަން ސަން ލޭންޑުން ހުށަހެޅި ނަމަވެސް އެ ޗެކަކީ ސަން ލޭންޑުން މިހާރު ދައުވާކުރާ ފައިސާ ދެއްކުމުގެ ގޮތުން ވިކްޓްރީން ދޫކުރި ޗެކެއް ކަން ސާބިތުނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި ދައުވާ ސާބިތުކުރަން އިތުރު ހެކި ހުށަހަޅަން ސަން ލޭންޑަށް ދިން ފުރުސަތުގައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

ސަން ލޭންޑް ޓްރެވަލްސްއަކީ ސިންގަޕޯ އެއާލައިންސްގެ ރާއްޖޭގެ ލޯކަލް އޭޖެންޓް ކަން ކުރާ ކުންފުންޏެކެވެ.