26 ޑިސެމްބަރ 2018 - 19:39

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގަތުމުން، އެމަނިކުފާނަށް ހޫނު މަރުބާއެއް ދަންނަވައިފި އެވެ.

ފަސް ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރަށް ރައީސް ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ ބަނދަރުގެ ބޮޑު ސަރަހައްދަކަށް މީހުން ނިކުތެވެ. އޭގެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާގެ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް އެންމެ ފަހުން، ހިންނަވަރަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ. އެހެންކަމުން، މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އުފަން ރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ހިންނަވަރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ.
ރައީސް ވަނީ ޅ. އަތޮޅާއި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަމުގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ. ރައީސްގެ ގާތް ރަހްމަތްތެރިން އަދި ހިންނަވަރުގައި ދިރިއުޅޭ މީހުން ސިފަ ކުރާ ގޮތުންނަމަ، އެމަނިކުފާނަކީ އަބަދުވެސް އެންމެންނާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ރައީސްއަކީ އެއްވެސް މީހަކާ ދޭތެރޭ ޒާތީ ކަމެއް ނުބާއްވާ، ހިތްހެޔޮ، މަޑުމައިތިރި ބޭފުޅެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވަ އެވެ.
މީގެ ތެރެއިން ވެސް އެންމެ ޚާއްސައީ، ލޯފަން، ތިން ހާފިޒުން ކަމަށްވާ މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އަބްދުﷲ ޝާޒްލީގެ އިތުރުން ހުސެއިން ޝަޔާޒެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދު ރ. ދުވާފަރަށް ވަޑައިގެން، އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި މާދަމާ ނ. ހެނބަދޫ އަށް ވަޑައިގެން އެ ރަށުގެ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދެއްވާނެ އެވެ.