މަރު ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ހާމަކުރަނީ
މަރު ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ހާމަކުރަނީ

މަރާލި އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު ހާމަކުރާގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

މަރު ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ހާމަކުރަނީ
މަރު ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ހާމަކުރަނީ

ތަހުގީގީ އިދާރާތަކުން، އިންސާފާ ހަމައަށް ވާސިލް ނުވެ ހުރި މައްސަލަތައް ކޮމިޝަނަށް ހުށަހަޅަން އާއްމުންނަށް ހުޅުވާލި އެއް މަސް ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވީ ތަހުގީގުކުރަން އެދި ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު ހާމަ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާއްމުންނަށް މައްސަލަތައް ހުށަހަޅަން ފުރުސަތު ދިންއިރު އެ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ވެސް އަންނަނީ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އޭގެތެރޭގައި، ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތަކުގެ ތެރޭގައި، ހިމެނޭ ޑރ. އަފްރާޝީމް އަލީ އަވަހާރާކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ އިތުރުން، ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެ އެވެ.

އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގު ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ. އެކަމަކު، ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްނުވެ އޮތުމުން، ތަހުގީގަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އަންނާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.