20 އޯގަސްޓް 2016 - 19:37

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ ހޮނިހިރު ދުވަހު އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ދެ ޓަގު ބޭނުންކޮށްގެން ކުރަމުން އަންނަ ކަމަށާއި ބޯޓުން މުދާ ހުސްކުރުމުގެ ބައި ވެސް ކުރިއަށް ދާ ކަމަށް ބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިން އިން މިރޭ ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ "އެމްވީ އެންޖީއޯސީ ސަން" ފުންކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ސިންގަޕޫރުގެ ކުންފުނިން ތިން ވަނަ ޓަގެއް ވެސް ރާއްޖެ ގެނެވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.
"މަސައްކަތް ހަމަ ކުރިއަށް އެބަ ދޭ. އޭގައި ހުރި މުދާ ބޭލޭތޯ މަސައްކަތް ކުރަމުން މިހާރު ވެސް އަންނަނީ. އެކަމަކު ބޯޓް ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ޕްލޭނެއް އަޅުގަނޑުމެންނަކަށް އެހާ ރަނގަޅަކަށް ނޭނގޭ،" ފުވައްމުލަކު ނަރުދަމާ އަށް ބޭނުންވާ ސާމާނު ހުރި ބޯޓާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
"ސިންގަޕޫރުގެ ސަލްވޭޖް ކުންފުންޏަކުން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަ ގެންދޭ. މިކަމަށް ގިނަ ބައެއްގެ އެހީތެރިކަން ވެސް ލިބެމުންދާކަން އެނގިފައި އޮތީ."
ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓް ފަރަށް އެރި އިރު 20 ފަޅުވެރިން ތިއްބެވެ.
ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިސްއެއް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ދީފަ އެވެ.
ފުވައްމުލަކު ކައުންސިލަރަކު ވިދާޅުވި ގޮތުގައި ބޯޓު ފަރަށް އެރީ ފުވައްމުލަކުގައި ޑައިވް ކުރަން ވެސް ހާއްސަ ސަރަހައްދަކަށެވެ. އެގޮތުން މަޝްހޫރު "ހުރަސްފަރުގަނޑު" އޮންނަނީ ބޯޓު ފަރަށް އެރި ދިމާލުގަ އެވެ.
އެކަމަކު ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.