30 ޑިސެމްބަރ 2018 - 21:47

މާލޭގެ ދަފްތަރު ރަޖިސްޓްރީއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ދަފްތަރު ރަޖިސްޓްރީއާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާ އެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން އިންތިޚާބުތަކާ ގުޅިގެން ދާއިރާތައް ކަނޑައެޅުމުގައި ބަހާ ގޮތާ މެދު އަބަދުވެސް ޝަކުވާ އޮވެ އެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުންނެވެ.
ކުރިން ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށުން ކުރަމުން ދިޔަ ނަމަވެސް އާ ސަރުކާރުން ވަނީ ސިޓީ ކައުންސިލަށް އެ ބާރުތައް އަލުން ދީ، އެ މަސައްކަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފަ އެވެ.