01 ޖެނުއަރީ 2019 - 07:31

ތައިލެންޑުގެ ހޮޅައެއްގައި 12 ކުދިންނާއި ކޯޗު ތާށިވެ އެ މީހުން ސަލާމަތް ކުރަން ހިންގި ބޮޑު އޮޕަރޭޝަނުން ފެށިގެން ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި ހާދިސާ ފަދަ ބޮޑެތި އެތައް ކަމެއް މިދިޔަ އަހަރު ވަނީ ދުނިޔޭގައި ހިނގައިފަ އެވެ. ތިރީގައި އެ ވަނީ މިދިޔަ އަހަރު ދުނިޔޭގައި ހިނގި މުހިންމު ބައެއް ހާދިސާތަކެވެ.

މާޗް 4 - އިނގިރޭސި ވިލާތުގެ ސޯލްބަރީގައި ރަޝިޔާގެ ކުރީގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ އަށް ނުރައްކާތެރި ވިހައެއް ދިނުމުން އެ މީހުން ކޯމާއަކަށް ދިޔަ އެވެ. އިނގިރޭސި ވިލާތުން އެކަމުގެ ތުހުމަތު އަޅުވާފައި ވަނީ ރަޝިޔާގެ ބޮލުގަ އެވެ. އެ މައްސަލާގައި ދެ ގައުމުގެ ގުޅުން ހީނަރުވެ އެއް ގައުމުން އަނެއް ގައުމުގެ ޑިޕްލޮމެޓުން ވެސް ވަނީ ފޮނުވާލައިފަ އެވެ.

އެޕްރީލް 14 - ސަރުކާރާ ދެކޮޅު ހުރިހާ ހަނގުރާމަވެރި ޖަމާއަތްތަކެއް ބަލިކޮށްލާފައިވާ ކަމަށް ސީރިއާ ސަރުކާރުން އިއުލާން ކުރި އެވެ. ހަމަ އެ ދުވަހު ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް އިން ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ބައެއް ތަންތަނަށް ވައިގެ ހަމަލާ ދީފަ އެވެ. އެއީ އިރުމަތީ ޣޫތާގައި ސީރިއާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުން ކުރުމުން ދިން ރައްދު ހަމަލާތަކެކެވެ.

މެއި 8 - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި އެވެ. އެއްބަސްވުމުގައި ބައިވެރިވި އެހެން ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތް، ފްރާންސް، ޖަރުމަން، ރަޝިޔާ އަދި ޗައިނާ އިން ވަނީ އީރާނުން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާ ކަމަށާއި އެހެންވެ އެއްބަސްވުމުގައި އެ ގައުމުތައް ދެމި ތިބޭނެ ކަމަށް ބުނެފަ އެވެ.

މެއި 9- މެލޭޝިއާގައި ބޭއްވި އާއްމު އިންތިޚާބު ނަޖީބު ރައްޒާގާ ވާދަކުރައްވައި ކާމިޔާބު ކުރެއްވީ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދެވެ. ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ޕާޓީ ދޫކޮށްލައްވައި އިދިކޮޅު ކޯލިޝަނަކާ އެކު ނިކުމެވަޑައިގަތް އުމުރުފުޅުން 93 އަހަރުގެ މަހާތިރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 113 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދައިފަ އެވެ. އެއާ އެކު، މެލޭޝިއާ އަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަންކުރަމުން އަންނަ ޕާޓީ އަށް ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިވެ މަހާތިރު ވެފައި ވަނީ އިންތިހާބީ އެންމެ ދޮށީ ލީޑަރަށެވެ.

މެއި 14 - އެމެރިކާގެ އާ އެމްބަސީ ގުދުސްގައި ހުޅުވި އެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން ގާޒާ ބޯޑަރުގައި އިޒްރޭލް ސިފައިންނާ ފަލަސްތީން މީހުންގެ ބޮޑު ކުރިމަތިލުމެއް ހިންގައި ފަލަސްތީނުގެ ގާތްގަނޑަކަށް 60 މީހުން ޝަހީދުވި އެވެ.

މެއި 19 - އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އެމެރިކާގެ ބަތަލާ މޭގަން މާކެލްގެ ކައިވެނީގެ ހަފުލާ ލަންޑަންގެ ވިންސާ ގަނޑުވަރުގައި ބޭއްވި އެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަލަމުން ދިޔަ ރަސްމިއްޔާތުގައި ހެރީ އާއި މޭގަންގެ ކައިވެނިކޮށްދެއްވީ ކެންޓެބަރީގެ އާޗްބިޝޮޕް ޖަސްޓިން ވެލްބީ އެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ހެރީގެ 92 އަހަރުގެ މާމާފުޅު އިނގިރޭސި ރާނީ އެލިޒަބަތު އަދި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖޫން 12 - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ބައްދަލު ކުރެއްވި އެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ނޯތު ކޮރެއާގެ ވެރިއަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޖުލައި 10 - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި 12 ކުދިންނާއި އެ ކުދިންގެ ކޯޗު 17 ދުވަސް ފަހުން ސަލާމަތް ކުރި އެވެ. ޖޫން 23 ވަނަ ދުވަހު ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އެ ކުދިން ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅައިގައި ފެންބޮޑުވެ ނުކުމެވޭނެ ގޮތެއް ނުވެ ހޮހަޅައިގެ ތެރޭގައި ތާށިވީ އެވެ. ހޮހަޅައިގައި ތިބި ކުދިން އެންމެ ފުރަތަމަ ހޯދީ އިނގިރޭސި ވިލާތުގެ ޑައިވަރުންނެވެ. އެ ކުދިން ސަލާމަތް ކުރަން ހިންގި އުނދަގޫ އަދި ނުރައްކާ އޮޕަރޭޝަނަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
ޖުލައި 15 - ރަޝިޔާގައި ކުޅުނު ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކްރޮއޭޝިއާއާ ބައްދަލުކޮށް ފްރާންސް ޗެމްޕިއަންކަން ހޯދި އެވެ. ޖޫން 14 ވަނަ ދުވަހު ފެށި މުބާރާތުގެ ޗެމްޕިއަންކަން ފްރާންސް ހޯދީ މުބާރާތުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި ކްރޮއޭޝިއާގެ މައްޗަށް 4-2 އިން ކުރި ހޯދައިގެންނެވެ. މިއީ ފްރާންސްގެ ތާރީޚުގައި އެ ގައުމުން ފީފާ ވޯލްޑް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.
އޮކްޓޯބަރު 2 - ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައި ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގަ އެވެ. ނޫސްވެރިޔާ މަރާލާފައިވާ ކަމަށް ދެކޮޅު ހަދަމުން ގޮސް އެންމެ ފަހުން ސައުދީން އެކަމަށް އެއްބަސްވެފައި ވަނީ ދެ ހަފުތާ ފަހުންނެވެ. ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ވަނީ ބައެއް މީހުން މަގާމުތަކުން ދުރުކޮށް 11 މީހަކު ހައްޔަރުކޮށްފަ އެވެ.
އޮކްޓޯބަރު 28 - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސި އެވެ. ނަމަވެސް ބޮޑު ވަޒީރުގެ ގެއިން ނުކުމެވަޑައިގަތުމަށް ރަނިލް ގެންދެވީ ދެކޮޅު ހައްދަވަމުންނެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ނަމަވެސް ސިރިސޭނާގެ އެ ނިންމުން ބާތިލްކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ބޮޑު ވަޒީރުގެ މަގާމަށް ރަނިލް އަލުން ހަމަޖެއްސުމާ އެކު ވަނީ ލަންކާގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި 51 ދުވަހަށް ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސްފަ އެވެ.
ޑިސެމްބަރު 3 - ޕޮލެންޑުގައި ފެށި ދުނިޔޭގެ ތިމާވެށި ސަމިޓުގައި ސައެންޓިފިކް ރިޕޯޓް ހިމަނަން ކުރި މަސައްކަތް ފެއިލްވުމާ އެކު ގައުމުތަކަށް ބޮޑު މާޔޫސް ކަމެއް ލިބުނެވެ. އައިޕީސީސީ އިން ތައްޔަރުކުރި ރިޕޯޓް ބިނާކޮށްފައި ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިއްޖެ ނަމަ ވާނެ ގެއްލުންތަކުގެ މައްޗަށެވެ. ނަމަވެސް ކޮޕް24 މަޝްވަރާތަކުގައި އެމެރިކާ އާއި ސައުދީ އަރަބިއާ، ރަޝިޔާ އަދި ކުވޭތުން ވަނީ އައިޕީސީސީގެ ރިޕޯޓާ ދެކޮޅު ހަދައިފަ އެވެ.