ޚާޝުގްޖީގެ މަރުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ފަށައިފި
ޚާޝުގްޖީގެ މަރުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ފަށައިފި

ރިޔާޒް (ޖެނުއަރީ 3) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ސައުދީގެ 11 މީހުންގެ ޝަރީއަތް ރިޔާޒުގައި މިއަދު ފަށައިފި އެވެ.

ސައުދީގެ އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ ޝަރީއަތަށް 11 މީހުންނާއި އެ މީހުންގެ ވަކީލުން ހާޒިރުވި ކަމަށެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. ތުރުކީން ބުނެފައި ވަނީ ޚާޝުގްޖީ މަރާލީ ސައުދީ އަރަބިއާ އިން ދިޔަ ޓީމަކުން ކަމަށެވެ. ސައުދީން އެކަމަށް ދެކޮޅު ހަދަމުން ގޮސް އެންމެ ފަހުން ވަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ހިނގި ޒުވާބަކަށް ފަހު ކަމަށް އެއްބަސްވެފަ އެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ސައުދީ ޕްރޮސެކިއުޓަރުގެ އޮފީހުން ދަނީ ނޫސްވެރިޔާގެ މަރުގެ ތުހުމަތު ކުރެވޭ 11 މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ނޫސްވެރިޔާގެ މަރުގެ ތުހުމަތު ސައުދީ ވަލީ އަހުދުގެ މައްޗަށް ކުރި ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.