ހަރަދުނުކުރާ ވާހަކަ ދައްކާތީ ވެންގާ ރުޅިގަދަވެއްޖެ
ހަރަދުނުކުރާ ވާހަކަ ދައްކާތީ ވެންގާ ރުޅިގަދަވެއްޖެ

ލަންޑަން (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލިގުގައި ރޭ ލެސްޓާ ސިޓީ އާއި އާސެނަލް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު، އާސެނަލް ކޯޗު އާސެން ވެންގާ ހަރަދުނުކުރާ ކަމަށް ބުނެ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ރުޅިގަދަވެއްޖެ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އާސެނަލަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. ފުރަތަމަ މެޗުން ލިވަޕޫލް އަތުން ބަލިވިއިރު، ރޭގެ މެޗުން ލެސްޓާ އަތުން ވެސް މޮޅެއް ނުވެވުނެވެ. ރޭގެ މެޗަށް ފަހު އާސެނަލް ސަޕޯޓަރުން ވަނީ ކުޅުންތެރިން ގަންނަން ހަރަދުކުރުމަށް ގޮވާލާ ދަނޑުތެރޭގައި އަޑުއުފުލައިފަ އެވެ.

މެޗަށް ފަހު ވެންގާއާ އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން ވެންގާ ބުނީ އާސެނަލުން ހަރަދުކުރާނީ ރަނގަޅު ގޮތުގައި ކަމަށެވެ.

"ފުޓްބޯޅަ މެޗެއް ނިންމާފައި އައުމުން އަހަރެންނާ މެޗާ ބެހޭގޮތުން ސުވާލުނުކޮށް މި ކުރަނީ ހަރަދުކުރުމުގެ ސުވާލުތައް. މިއީ ހައިރާންވާންޖެހޭ ކަމެއް. އާސެނަލުން ކުޅުންތެރިއަކަށް 300 މިިލިއަން ޕައުންޑް ހަރަދުކުރަން ޖެހުނަސް ކުރާނީ 3000 މިލިއަން ޕައުންޑް ހުރެގެން. އެކަމަކު އެބަޖެހޭ މި ކަން ވެސް ރަނގަޅު ގޮތުގައި ކުރަން. އާސެނަލްގައި އެބަތިބި 600 މުވައްޒަފުން،" ވެންގާ ބުންޏެވެ.

ވެންގާ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް ކުޅޭ ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރޭނިޓް ޝާކާ ގަންނަން 35 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އަދި ޒުވާން ޑިފެންޑަރުން ރޮބް ހޯލްޑިން ގަތީ ދެ މިލިއަން ޕައުންޑަށެވެ. ވެންގާ ބުނީ އިތުރު ކުޅުންތެރިންނަށް ވެސް ފާރަލަމުން އަންނަ ކަމަށާއި ރަނގަޅު އަގުގައި ކުޅުންތެރިން ލިބޭނަމަ ގަންނާނެ ކަމަށެވެ.

"އެއްވެސް ނޫސްވެރިއަކު އަހަންނާ ސުވާލެއް ނުކުރޭ ހޯލްޑިންގެ ކުޅުމާ ބެހޭގޮތުން. މިދިޔަ ދެ މެޗުގައި ވެސް އޭނާ ތަފާތު މޮޅަށް ކުޅުނު. އިނގިރޭސިން އުފާކުރަންޖެހޭ އޭނާ އަކީ 20 އަހަރުގެ ޒުވާން އިނގިރޭސި ކުޅުންތެރިއެއް. އެކަމަކު އޭނާ ގަތީ 55 މިލިއަން ޕައުންޑަށް ކަމަށް ނުވުމުން އޭނާ އަކީ މޮޅު ކުޅުންތެރިއެއް ނުވޭ،" ރޭގެ މެޗަށް ފަހު ވެންގާ ބުންޏެވެ.

ލީގުގައި ދެން އާސެނަލް ނުކުންނާނީ ރަށުންބޭރުގައި ވަޓްފޯޑާ ދެކޮޅަށެވެ.