05 ޖެނުއަރީ 2019 - 15:40

ޔުނައިޓެޑް ނޭޝަންސް (ޖެނުއަރީ 5) - ނިމިގެން ދިޔަ ބަންގްލަދޭޝްގެ އާއްމު އިންތިޚާބުގައި މަކަރު ހަދާފައިވާ މައްސަލަތައް ވަކި އަތަކަށް ނުޖެހޭ ފަރާތަކުން ތަހުގީގު ކުރުމަށް އދ. އިން ގޮވާލައިފި އެވެ.
ޑިސެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ އަވާމީ ލީގުން ވަނީ 90 ޕަސެންޓް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އިންތިޚާބުގައި ވަރަށް ބޮޑަށް މަކަރާއި ހީލަތް ހަދާފައިވާ ކަމަށެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި ވޯޓުލާން ފެށުމުގެ ކުރިން ވެސް ގިނަ ފޮށިތަކަށް ވަނީ ވޯޓުލާ ފުރާލައިފަ އެވެ. އަދި އެކަން ކޮށްފައި ވަނީ ސަރުކާރުގެ އޮފީސްތަކުގެ އޮފިޝަލުންނާއި ސަލާމަތީ ފަރާތްތައް ބައިވެރިވެގެން ކަމަށް ވެސް ބުނެފައިވެ އެވެ.
ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހަދައިފަ އެވެ. އަދި އާ އިންތިޚާބެއް ބޭއްވުމަށް ވަނީ ގޮވާލައިފަ އެވެ.
"ބަންގްލަދޭޝްގެ އިންތިޚާބުގައި ހިންގާފައިވާ ކަމަށް ބުނާ މަކަރާއި ހީލަތުގެ މައްސަލަތައް ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ތަހުގީގު ކުރުމަށް ގޮވާލަން. އިންތިޚާބުގައި މަކަރު ހެދި ބަޔަކު ޒިންމާ ކުރުވާނަން،" އދ. އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ޕާލަމެންޓަށް ހޮވުނު ވެރިކަން ކުރާ ޕާޓީގެ 288 މެންބަރުން ބުރާސްފަތި ދުވަހު ވަނީ ހުވާ ކޮށްފަ އެވެ. ނަމަވެސް އިދިކޮޅު ހަތް މެންބަރުން ވަނީ ހުވާ ކުރަން ދެކޮޅު ހަދައިފަ އެވެ.
"އިންތިޚާބުގައި ސައްހަ ނޫން އެތައް ކަމެއް ހިންގާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި. މިކަންކަން ހިންގުމުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ވެރިކަން ކުރާ ޕާޓީ،" އދ. އިން ބުނެފައިވެ އެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން ވަނީ އިންތިޚާބު ބޭއްވި ދުވަހު ހިންގި ހަމަނުޖެހުންތައް ކުށްވެރިކޮށްފަ އެވެ. އަދި އިންތިޚާބުގައި މަކަރު ހެދި މައްސަލަތައް ބެލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.