ކޭއެފްސީ ނުދަންނަ މީހަކު މަދުވާނެ އެވެ. މުޅި ދުނިޔެއަށް މަޝްހޫރު ކޭއެފްސީގެ ކުކުޅުގެ މީރު ރަހަޔަށް ލޯބިކުރާ މީހުންނަށް އެ ކުންފުނިން މިފަހަރު އުފެއްދީ ސަން ސްކްރީން ލޯޝަނެކެވެ. އެކަމަކު މިއީ ކެއުމަކާ ގުޅުން ހުރި އެއްޗެއް ނޫނެވެ. އެކަމަކު ދުވާނީ ފްރައިޑް ޗިކަން ވަހެވެ. ދަހިވާނެ އެވެ. އެކަމަކު ރަހަ ބަލާނެ ކަމެއް ނެތެވެ. އެއީ ހަމަ އަސްލު ސަން ސްކްރީން ލޯޝަނެވެ.

މި އާދަޔާ ހިލާފް އުފެއްދުން ބާޒާރަށް ނެރުނުތާ ތިން ގަޑިއިރު ތެރޭ ހޯމަ ދުވަހު ވަނީ ހުސްވެފަ އެވެ. މިއީ އާންމުކޮށް ބާޒާރަށް ނެރުނު އެއްޗެއް ނޫނެވެ. ލިމިޓެޑް އެޑިޝަނެކެވެ.

ކޭއެފްސީގެ "އެކްސްޓްރާ ކްރިސްޕީ" ސަންސްކްރީން އަކީ އާދައިގެ ސަންސްކްރީނެއް ގޮތަށް މަސައްކަތް ކުރާ އެސް.ޕީ.އެފް 30ގެ ޕްރޮޑަކްޓެކެވެ. ނަމަވެސް މި ސަންސްކްރީނުން ކުކުޅު ވަސް ދުވިޔަސް ރަހަ ބަލަން ނޫޅުމަށް ކޭއެފްސީގެ ކޮމާޝަލްގައި ބުނެ އެވެ. އެ ކުންފުނިން ބުނީ މި އުފެއްދުމަށް ލިބުނީ ވަރަށް ބޮޑު ތަރުހީބެއް ކަމަށެވެ.

މިއީ ކޭއެފްސީން ބިއުޓީ ޕްރޮޑަކްޓެއް ތައާރަފުކުރި ފުރަތަމަ ފަަހަރެއް ނޫނެވެ. މިއަހަރުގެ ކުރީ ކޮޅު އެ ކުންފުނިން ވަނީ ކުކުޅު ވަހާއި ރަހަ ލާ ނެއިލް ޕޮލިޝް އެއް ވެސް ތައާރަފުކޮށްފަ އެވެ.