07 ޖެނުއަރީ 2019 - 14:20

ލަންޑަން (ޖެނުއަރީ 7) – ފޯވާޑެއް ހޯދަން ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި ޕީއެސްޖީގެ އުގުރުއޭ ފޯވާޑް އެޑިންސަން ކަވާނީ ލިބޭތޯ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޗެލްސީގައި ތިބި ދެ ފޯވާޑުން ކަމަށްވާ އަލްވާރޯ މޮރާޓާ އާއި އޮލިވާ ޖިރޫ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. އަދި މީގެ ތެރެއިން ޖިރޫ މިވަގުތު ހުރީ އަނިޔާގަ އެވެ. ޗެލްސީން ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ލަނޑެއް ނުޖެހެ އެވެ. އެ މެޗަށް ފަހު ކޯޗު މައުރީޒިއޯ ސާރީ ބުނީ ޗެލްސީ އަށް މިވަގުތު ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށެވެ.
ޗެލްސީން ފުރަތަމަ މަސައްކަތްކުރީ ޔުވެންޓަސްގެ ލޯނެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގައިން އަށެވެ. އެކަމަކު މިވަގުތު އޭނާ ދޫކޮށްލަން މިލާނުން އޭނާ ބޭނުންނުވެ އެވެ. އަނެއްކޮޅުން ލޯނުގައި ހުރި ކުޅުންތެރިއަކަށް އޭނާ ހޯދަން މިވަގުތު އެއްބަސްވުމަކަށް އައުމަކީ ދަތިކަމަކަށް ވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން މިހާރު ފޯކަސްކުރަމުން އަންނަނީ ކަވާނީ އަށެވެ. އޭނާ އާއި ޕީއެސްޖީގެ ނޭމާއާ ދެމެދު މައްސަލަތަކެއް އުޅޭތީ އޭނާ ކްލަބް ދޫކޮށްލަފާނެ ކަމުގެ އަޑުތައް އަބަދުވެސް އުޅެ އެވެ. އެހެންވެ އޭގެ ފައިދާ ޗެލްސީ އަށް ނެގިދާނެ ކަމަށް ބެލެވެ އެވެ.
މި ސީޒަނުގައި 13 ގޯލް ޖަހައި ހަތަރު ލަނޑު ޖަހަން މަގުފަހިކޮށްދީފައިވާ ކަވާނީ އަގު 50 މިލިއަން ޔޫރޯ އަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ކަވާނީ ދާދި ފަހުން ވަނީ އެނބުރި ދާން ބޭނުންވަނީ ކުރީގެ ކްލަބް ނަޕޯލީ އަށް ކަމުގެ އިޝާރާތެއް ދީފަ އެވެ. އޭނާގެ އާއިލާ މިވަގުތު ދިރިއުޅެމުން އެ ކްލަބް ނިސްބަތްވާ ނޭޕްލްސްގަ އެވެ.